ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތްތައް އެއްހަމަކޮށް، 2025 މެއިމަހުން ފެށިގެން އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ވުޒާރާއިން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާގައި ބުންޏެގޮތުން، ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ނިންމި ނިންމުމާއި އެއްގޮތަށް ކުޅުންތެރިން، އޮފިޝަލުންނާއި ޕެރަ އެތުލީޓުންނަށް ދެމުން ގެންދާ އެލަވަންސް ބޮޑުކުރުމަށް ހަމަޖެހިފައިވާއިރު، ސެޕްޓެމްބަރުގެ ނިޔަލަށް ބޮޑުވެފައިވާ އަދަދު ޖަމާކުރުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވީ، ކުރީގައި އޮފިޝަލުންނަށް ލިބެމުން އައި 2500 ރުފިޔާގެ އެލަވަންސް އާއި ކުޅުންތެރިންނަށް ލިބެމުން އައި 5000 ރުފިޔާގެ އެލަވަންސް އެއްހަމަކޮށް 7000 ރުފިޔާއަށް ބޮޑުކުރުމަކީ ކުޅުންތެރިންގެ ކުރިއެރުމަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށާއި، މި ބަދަލާއެކު ހުރިހާ ގައުމީ ޓީމުތަކުގެ އަންހެން ކުޅުންތެރިންނަށް ވެސް މުސާރަ ލިބޭނެ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުރީގައި ސަރފިން ފަދަ ބައެއް ކުޅިވަރުތަކުން ހަމައެކަނި ފިރިހެން ޓީމުތަކަށް މުސާރަ ދެމުން ގެންދިޔަ ނަމަވެސް، މި ބަދަލާއެކު އަންހެން ކުޅުންތެރިންނަށް ވެސް އިނާޔަތް ލިބޭނެއެވެ. ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔާތް ގަވާއިދުން ދިނުމާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ