މީހުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލުގައި ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގައި ކުރެވިދާނެ ކުށުތައް ބަޔާންކޮށް، އެކަންކަމަށް ހުށައެޅޭ އަދަބުތައް ކަނޑައެޅިފައިވެއެވެ. މީގެ ތެރޭގައި މީހެއްގެ ރުހުމެއް ނެތި ގުނަވަން ނެގުމާއި ޓްރާންސްޕްލާންޓު ކުރުން، ގުނަވަން ވިއްކުމާއި ގަތުން، ލައިސަންސް ނެތި ހިދުމަތް ދިނުމާއި ސައްހަ ނޫން މައުލޫމާތު ހުށަހެޅުން ފަދަ ކަންކަން ހިމެނެއެވެ.
ބިލުގައިވާ ގޮތުން ހުއްދަ ދެވޭނީ ހަމައެކަނި ލައިވް-ޑޯނާ ގުނަވަން ޓްރާންސްޕްލާންޓު ކުރުމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާ ކުރުން މަނާކޮށްފައިވެއެވެ. ގުނަވަން ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދޭނީ މި ގާނޫނުގެ ދަށުން އުފައްދާ 5 މެންބަރުންގެ "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އިންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީހެއްގެ ނުރުހުމުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި އެހީތެރިވުމާއި އެފަދަ ކަމެއް ކުރުމަކީވެސް ކުށެއް ކަމަށް ބަޔާންކޮށް، ޖޫރިމަނާ ކުރުމާއެކު ޖަލު އަދަބު ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ގުނަވަން ވިއްކުމާއި ގަތުމާއި، ލައިސަންސް ނެތި މި ހިދުމަތް ދިނުން ފަދަ ކަންކަން މަނާކޮށް، އަދަބު ކަނޑައަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ