ދަތިތަކުން އަރައިގަނެ ކާމިޔާބަށް ވާސިލުވުމަށް އަގީދާއާއި އީމާންތެރިކަން ވަރުގަދަކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު

ދަތިތަކުން އަރައިގަނެ ކާމިޔާބަށް ވާސިލުވުމަށް އަގީދާއާއި އީމާންތެރިކަން ވަރުގަދަކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު

Author
ޙަސަން މުޙައްމަދު
10 އޮކްޓޯބަރ 2025 05:03
0

ނޭޝަނަލް ޑްރަގް އޭޖެންސީއާއި ޑްރަގް ކޯޓާއި ގުޅިގެން ކުރިއަށްގެންދިޔަ ފަރުވާ ޕްރޮގްރާމު 52 މީހުން ފުރިހަމަކޮށް، އެ ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ޕްރޮގްރާމުގެ ސެޓްފިކެޓް ބައިވެރިންނަށް ހަވާލުކުރެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް މުޖުތަމައަށް އަނބުރާ ގެނައުމަށް މި ޕްރޮގްރާމަކީ ޤާނޫނީ ނިޒާމެއްގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. އަދި ފަރުވާ ފުރިހަމަކުރާ މީހުންގެ ހިތްވަރު ވަރަށް ބޮޑުކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތަކަށް ދެއްވި ނަސޭހަތުގައި ވިދާޅުވީ މިހާރު ތިބި މަގުގައި ސާބިތުކަމާއެކު ތިބުމަށާއި، ކުރިއަށްއޮތް އުނދަގޫ މަރުހަލާތަކަށް ތައްޔާރުވުމަށެވެ. އަދި ދިރިއުޅުމުގައި ދިމާވާ ދަތިތަކުން އަރައިގަނެ ކާމިޔާބަށް ވާސިލުވުމަށް އަގީދާއާއި އީމާންތެރިކަން ވަރުގަދަކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެން މީހުންނަށް އެހީވުމުގެ މުހިންމުކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެހެން މީހަކަށް އެއްޗެއް ދީގެން ދުވަހަކުވެސް ތިމާއަށް ލިބޭ އެއްޗެއް މަދެއް ނުވާނެކަމަށާއި، އެއްޗެއް ދީފިއްޔާ އޭގެ ރިޓާން ދެގުނައަށް އަންނާނެކަމަށެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައަށް އަނބުރާ ގެނައުމަށް ސަރުކާރުން ޚާއްޞަ ސިޔާސަތުތަކެއް އަންނަނީ ތަންފީޒުކުރަމުންނެވެ. އެގޮތުން ފަރުވާ ފުރިހަމަކުރާ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާއިރު، ފަރުވާ ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތްވެސް ނޭޝަނަލް ޑްރަގް އެޖެންސީން ކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.