ޓެކްސް ޓްރައިބިއުނަލް މެންބަރުކަމަށް ކުރިމަތިލީ ނިޒާމު ތަޖުރިބާކުރަން: މަހާޒް

ޓެކްސް ޓްރައިބިއުނަލް މެންބަރުކަމަށް ކުރިމަތިލީ ނިޒާމު ތަޖުރިބާކުރަން: މަހާޒް

Author
ހުސައިން
07 އޮކްޓޯބަރ 2025 08:35
0

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލެއްވީ ޓެކްސް ނިޒާމު ހިނގާ ގޮތް ތަޖުރިބާކޮށްލަން ޝައުގުވެރިވެވަޑައިގެންނަވާތީ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި ޓެކްސް ޓްރައިބިއުނަލް މެންބަރުންނާ އިންޓަވިއު ކުރަން ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަހާޒް ވިދާޅުވީ ޓެކުހުގެ މައްސަލަތަކަކީ އޭނާއަށް އުނދަގޫ މައްސަލަތަކެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުގައި ތިއްބެވި އިރު ވެސް ޓެކުހާ ގުޅޭ ގިނަ މައްސަލަތައް ނިންމަވާފައިވާ ކަމަށެވެ.

މި މަގާމުގެ މުއްދަތު ދެ މަސްދުވަހުން ހަމަވާތީ މި މަގާމަށް ކުރިމަތިލެއްވި ސަބަބާ ގުޅޭ ގޮތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހާޒް ވިދާޅުވީ އެއްމަސް ދުވަހުގެ މުއްދަތެއް ވިޔަސް ނިޒާމު ހިނގާ ގޮތް ބަލައިލަން ރަނގަޅު ފުރުސަތެއް ކަމަށެވެ.

މަހާޒް ވިދާޅުވި ގޮތުގައި ހަތަރު ވަނަ ފަހަރަށް އިއުލާނުކުރުމުން އެކަމަށް އެޕްލައިކުރެއްވީ ކަމުގައެވެ. ސަރުކާރުގެ ގެޒެޓްގައި ހުންނަ އިއުލާނުތައް ދާއިމީ ގޮތެއްގައި ބަލަން ޝައުގުވެރިވެވަޑައިގަތުމުގެ ސަބަބުން މި މަގާމަށް އެޕްލައިކުރެއްވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޓެކްސް ޓްރައިބިއުނަލްގެ ދެ މަގާމެއް ހުސްވުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވާފައިވާއިރު އެ ލިސްޓްގެ އެންމެ ކުރީގައި އޮތީ މަހާޒްގެ ނަމެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ފަހުން މަހާޒް ކުރައްވަމުން ގެންދަވަނީ ގާނޫނީ ދާއިރާގެ އަމިއްލަ މަސައްކަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.