ރާއްޖޭގައި މިހާރު ދަރިން ނުހޯދުމަކީ ފެޝަނަކަށް ވެފައިވާ ކަމަށާއި، އެކަން ބަދަލުކުރުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވެއްޖެއެވެ. ރީއެމްޕްލޯއިމެންޓް ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ވިދާޅުވީ، ރާއްޖޭގެ އާބާދީ އިތުރުކުރުމަށް ސަރުކާރުން ހާއްސަ އިނާޔަތްތަކެއް ދީގެން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
މެންބަރު ހަމީދު ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ރާއްޖޭގެ އާބާދީ އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށާއި، އެހީތަކާއި އިންސެންޓިވްތަކެއް ދީގެން ވެސް މިކަން ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށެވެ. އެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ކުރިއަށް އޮތް 40 ނުވަތަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އިތުރުވުން މައިނަސް އަދަދަކަށް ދާނެ ކަމަށް ސާވޭތަކުން ދައްކާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މީގެ އިތުރުން 65 އަހަރުވެ ރިޓަޔާކުރަން ޖެހޭ ގޮތަށް ސިވިލް ސާވިސް ގާނޫނުގައި މިހާރު އޮތް ބައި ބަދަލުކޮށް، ރިޓަޔާކުރުން މީހުންގެ އިހްތިޔާރަށް ދޫކޮށްލަން ޖެހޭ ކަމަށް ވެސް މެންބަރު ވަނީ ވިދާޅުވެފައެވެ. ޤައުމީ ތަފާސް ހިސާބުތަކާބެހޭ އިދާރާގެ ހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގެ ޖުމްލަ ފާޓިލިޓީ ރޭޓް 1990 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، 1990 ގައި ކޮންމެ އަންހެނަކު އެވްރެޖްކޮށް 6 ކުދިން ހޯދަމުން ދިޔައިރު، 2022 ވަނަ އަހަރު އެ އަދަދު ވަނީ އެއް ކުއްޖަކަށް ދަށްވެފައެވެ.
ކޮމެންޓު ފޮނުވާ