މުޒާހިރާ ހުއްޓުވީ ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް މަޖީދީ މަގުން ކުރިއަށްދާން މިސްރާބު ޖެހުމުން، ނަސޭހަތްދިނުމަށްފަހު: ޕޮލިސް

މުޒާހިރާ ހުއްޓުވީ ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް މަޖީދީ މަގުން ކުރިއަށްދާން މިސްރާބު ޖެހުމުން، ނަސޭހަތްދިނުމަށްފަހު: ޕޮލިސް

Author
ޙަސަން މުޙައްމަދު
03 އޮކްޓޯބަރ 2025 11:57
0

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޭއްވި "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާ، ހުއްދަ ލިބިފައިވާ ރޫޓާ ހިލާފަށް ކުރިއަށް ގެންދަން އުޅުމުން ފުލުހުން ވަނީ ހުއްޓުވައިފައެވެ. މި މުޒާހަރާގައި އެތައް ސަތޭކަ މީހުން ބައިވެރިވި އިރު، ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްގެން މީހުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ކުރިއެވެ.

މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ފެށި މި މުޒާހަރާގައި އެމްޑީޕީގެ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެ، ސަރުކާރަށް ކަޑައްތު ފާޑުކިޔުންތައް އެއްސެވިއެވެ. މުޒާހަރާގެ ބައިވެރިންނަށް މުހާތަބުކުރައްވަމުން، ޕާޓީ ލީޑަރުން ގޮވައިލެއްވީ މަޖީދީ މަގުން މިސްރާބު ޖަހަމުން ކުރިއަށް ދިއުމަށެވެ.

މަޖީދީ މަގުން ކުރިއަށްދަން ފެށުމުން، ހެންވޭރު ދަނޑާ ހިސާބުގައި ޝީލްޑު ހިފައިގެން ތިބި ރަޔަޓު ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވުމުގެ މަސައްކަތް ފެށިއެވެ. މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ފޫއަޅުވައިލަން މަސައްކަތް ކުރުމުން، ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްގެން މީހުން ފަހަތަށް ޖެއްސިއެވެ.

ފުލުހުން ބުނެފައިވަނީ، ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް މަޖީދީ މަގުން ކުރިއަށްދާން މިސްރާބު ޖެހުމުން، އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްދިނެވެ. އެހެންނަމަވެސް މުޒާހަރާގެ ބައިވެރިން އެ އިންޒާރުތަކަށް އިޖާބަދިނުމުގެ ބަދަލުގައި، ފުލުހުންނާ ދިމާއަށް ގަލާއި ފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، މިފަދަ އަމަލުތައް ހިންގި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި، މިފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ. މުޒާހަރާގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ރަސްމީކޮށް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.