ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގު ފުޅާކުރުމަށް ޕީޖީ އޮފީހުން އިރުޝާދު ދީފި

ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގު ފުޅާކުރުމަށް ޕީޖީ އޮފީހުން އިރުޝާދު ދީފި

Author
ޙަސަން މުޙައްމަދު
02 އޮކްޓޯބަރ 2025 08:19
0

ފެނަކަ ކޯޕަރޭޝަނާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން ނާޖާއިޒް ފައިދާ ހޯދާފައިވާ އާންމު ފަރާތްތަކުގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން އެކުގައި މަސައްކަތް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިރުޝާދު ދީފިއެވެ.

މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަން މައްސަލަތަކަށް ވަރަށް ބޮޑު އިސްކަމެއް ދީގެން އެ މައްސަލަތައް އަވަހަށް ތަހުގީގު ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެދިފައިވާކަމެވެ. ހަމައެއާއެކު އެމްއެމްޕީއާރްސީ ހިމެނޭ ކޮރަޕްޝަން މައްސަލަތަކުގައި ވަކި ފަރާތްތަކެއްގެ މައްޗަށް ދައުވާ ނުކުރުމަށް ވެފައިވާ އެއްބަސްވުންތައް ކެންސަލް ކުރުމަށާއި، އެ މައްސަލަތައް ހަލުވިކޮށް ތަހުގީގު ކޮށް ޕީޖީ އޮފީހަށް ފޮނުވުމަށް މި އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހު އޭސީސީގައި ދަންނަވާފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވެއެވެ.

މިގޮތުން އެ އެއްބަސްވުންތަކާ ގުޅުންހުރި ފަރާތްތަކުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގޮސްފައިވާ މިންވަރު އަންނަ ބުދަ ދުވަހު ޕީޖީ އޮފީހާ ހިއްސާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެންގުނުކަމަށާއި، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގު ފުރިހަމަކޮށް ދައުވާ އުފުލުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

މި މައްސަލަތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި ޕްރޮސިކިއުޝަން ޓީމްތަކެއް އުފައްދާފައިވާކަން ޕީޖީ އޮފީހުން ފާހަގަކުރިއެވެ. މި މައްސަލަތަކުގައި ފުރިހަމަ އިންސާފު ޤާއިމު ކުރުމުގެ ބޭނުމުގައި، ކޮރަޕްޝަންގެ ސަބަބުން ނާޖާއިޒް މަންފާ ހޯދި އާންމު ފަރުދުންގެ މައްސަލަތައް ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާދާއިރާއެއްގައި ތަހުގީގު ކުރުމަށް އިރުޝާދު ދީފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލަތަކުގައި ޖަރީމާގެ ޒަރީއާއިން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ އެއްޗެހި ސަރުކާރަށް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ބާރު މިނެއްގައި ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އެކުގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.