ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ: ރައީސް

ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ: ރައީސް

Author
ޙަސަން މުޙައްމަދު
02 އޮކްޓޯބަރ 2025 08:18
0

ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެމުންގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފި އެވެ. މި ޔަގީންކަން ދެއްވީ މިއަދު ހަވީރު ސިޓްރަން ރެސްޓޯރަންޓްގައި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު ބޭއްވި ސައިފޮދެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުޓުބޯޅައަކީ ހުރިހާ ދިވެހިންނަށް ވަރަށް ޝައުގުވެރި ކުޅިވަރެއް ކަމަށާއި، އެމަނިކުފާނުވެސް މި ކުޅިވަރަށް ވަރަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވާ ކޮންމެ ކަމެއްގައި ކުޅުންތެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުޅިވަރު ކުރިއެރުވުމުގެ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ ފުޓުބޯޅައަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް ރައީސް ވިދާޅުވި އެވެ. މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ފުޓުބޯޅަ ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ވަސީލަތްތަކާއި ބިނާތައް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ކާމިޔާބުކުރިކަން ފާހަގަކުރައްވާ، ޓީމަށް މުބާރަކްބާދީ ދެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ރީތި ނަމާއި ޝަރަފު ހޯއްދަވައިދިނުމަށް އެދިވަޑައިގަތެވެ. ޤައުމީ ޓީމުން ކުރަމުންދާ މަސައްކަތަށް ރައީސް ހިތްވަރު ދެއްވައި، އަބަދުވެސް ޤައުމީ ޓީމުގެ ކާމިޔާބީއަށް ދުޢާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.