ޣައްޒާގެ އިންސާނީ އެހީ ފްލޮޓީލާއާއި ގުޅޭ ކުއްލި މައްސަލަވެސް ސިޔާސީ ސިޔާސީ ބަހުސަކަށް

ޣައްޒާގެ އިންސާނީ އެހީ ފްލޮޓީލާއާއި ގުޅޭ ކުއްލި މައްސަލަވެސް ސިޔާސީ ސިޔާސީ ބަހުސަކަށް

Author
ޙަސަން މުޙައްމަދު
02 އޮކްޓޯބަރ 2025 11:15
0

ޣައްޒާއަށް އިންސާނީ އެހީ ގެންދާ ގްލޯބަލް ސުމުދް ފްލޮޓީލާއަށް އިޒްރޭލުން ހުރަސްއެޅުން ކުށްވެރިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ ސިޔާސީ ބަހުސަކަށް ބަދަލުވެއްޖެއެވެ. ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، ޣައްޒާގައި އިޒްރޭލުން ހިންގާ ނަސްލުހޭދުކުރުމުގެ ޖަރީމާތަކާ ދެކޮޅަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރާ ފްލޮޓީލާގައި ދެ ދިވެއްސަކު ހިމެނޭކަމާއި، އެމީހުންނަށް ދިވެހި ސަރުކާރުން އެހީތެރިވެދޭންޖެހޭކަމެވެ.

ޕީއެންސީގެ ސުޕާ މެޖޯރިޓީ އޮތް މަޖިލީހުން މި މައްސަލަ އިއްތިފާގުން ބަލައިގަތުމަށްފަހު ކުރި ބަހުސްގައި، ސަރުކާރު ޕާޓީ އާއި އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގާފައި ވެއެވެ. މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވަނީ ތުރުކީން ގަތް ޑްރޯނުތައް ބޭނުންކޮށްގެން ފްލޯޓިލާގައި ތިބި ދިވެހިންގެ ޙާލު ބެލުމަށް ސަރުކާރުން ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

ޕީއެންސީ މެމްބަރުން ދެއްކެވި ވާހަކަތަކުގައި، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އިޒްރޭލާ ސިޔާސީ ގުޅުން ޤާއިމުކުރަން މަސައްކަތްކުރިކަމާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ގާނޫނު އިޞްލާޙުކުރުމަށް ފަސްޖެހުނުކަން ފާހަގަކުރެއްވިއެވެ. މިހާރުގެ ސަރުކާރުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގެނައި ގާނޫނީ އިޞްލާޙު، އެމްޑީޕީ ސަރުކާރެއް އައިސްފިނަމަ ބާޠިލުކުރާނެކަމުގެ ބިރު ވެސް ދެއްކެވިއެވެ.

ރައްދުގައި އެމްޑީޕީ މެމްބަރުން ވިދާޅުވީ، ގްލޯބަލް ސުމުދް ފްލޮޓީލާގެ މައްސަލައިގައި ސަރުކާރުން މިހާތަނަށް ބަޔާނެއް ނެރެފައިނުވާއިރު، މީޑިޔާއަށް ހުރަސްއެޅުމަށް އުފައްދާ ކޮމިޝަންގެ ގާނޫނު ދިފާޢުކުރަން ރޭގަނޑު ދަންވަރުގައި ވެސް ބަޔާން ނެރެމުންދިޔަކަމަށެވެ. ފަލަސްތީނުގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ސާފުނުވާކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.

ބަހުސް ނިމުނުއިރު ދެ ޕާޓީގެ މެމްބަރުން މަޖިލީސް ތަޅުމުގައި އަޑުގަދަކޮށް ވާހަކަދައްކަވަމުން ގެންދެވިއެވެ. ފަލަސްތީނުގެ ހައްގުގައި ހުށަހެޅުނު މި ކުއްލި މައްސަލަ ވެސް ސިޔާސީ ބޮޑު ޒުވާބަކަށް ބަދަލުވެގެން ދިޔައީ ދެ ޕާޓީގެ މެމްބަރުން އެކަކު އަނެކަކަށް ތުހުމަތުތައް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.