އިންޑިއާއަށް ދާ ފަސިންޖަރުންނަށް ބޮޑު ލުއެއް، އެރައިވަލް ކާޑު އޮންލައިންކޮށް ފުރޭގޮތް ހަދަނީ

އިންޑިއާއަށް ދާ ފަސިންޖަރުންނަށް ބޮޑު ލުއެއް، އެރައިވަލް ކާޑު އޮންލައިންކޮށް ފުރޭގޮތް ހަދަނީ

Author
ޙަސަން މުޙައްމަދު
01 އޮކްޓޯބަރ 2025 08:41
0

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑު ފަސޭހަކަމެއް ހޯދާ ދިނުމަށް، މާދަމާއިން ފެށިގެން އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމުގެ ނިޒާމު އިންޑިއާ ސަރުކާރުން ތައާރަފުކޮށްފިއެވެ.

މިހާތަނަށް އިންޑިއާއަށް ވަންނަ ބިދޭސީން އެރައިވަލް ކާޑު ފުރަންޖެހެނީ އެއާޕޯޓުގައި ބާއްވައިގެންނެވެ. އެހެންނަމަވެސް އާ ނިޒާމުގެ ދަށުން ދަތުރު ކުރިން މި ކާޑު އޮންލައިންކޮށް ފުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ އެއާޕޯޓުތަކުގައި އިމިގްރޭޝަން ކައުންޓަރުތަކުގައި ދިގު ލައިންތަކުގައި މަޑުކުރަންޖެހުން ކުޑަވެ، ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއެކެވެ.

ވިޔަފާރި، ޓޫރިޒަމް، ތައުލީމް ނުވަތަ މަސައްކަތުގެ ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ އެންމެހައި ބިދޭސީންނަށް މި އީ-އެރައިވަލް ކާޑު ބޭނުންކުރެވޭނެއެވެ. ކާޑުގައި ހިމަނަންޖެހޭނީ ޕާސްޕޯޓް ތަފްސީލު، ދަތުރުގެ މަގުސަދު، އިންޑިއާގައި މަޑުކުރާނެ ތަނުގެ އެޑްރެސް އަދި ގުޅޭނެ ނަންބަރު ފަދަ އާންމު މައުލޫމާތުތަކެވެ.

ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބޭސްފަރުވާއަށާއި ކިޔެވުމަށާއި އަދި ޒިޔާރަތްކުރުމަށް އިންޑިއާއަށް ދަތުރުކުރެއެވެ. އެހެންކަމުން މި އޮންލައިން ސިސްޓަމް ތައާރަފުވުމަކީ ދިވެހި ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހަކަމެކެވެ.

އިންޑިއާ ސަރުކާރުގެ ހޯމް މިނިސްޓަރު އަމިތު ޝާހުގެ މަސައްކަތްޕުޅުގެ ދަށުން، އިމިގްރޭޝަން ޚިދުމަތްތައް ޒަމާނީކުރުމަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގިނަ މަޝްރޫއުތައް ހިންގަމުން އަންނަކަން ފާހަގަކުރެވެއެވެ. މީގެ ކުރިން މި މަހުގެ ތެރޭގައި ލަކްނައު، ތިރުވަނަންތަޕޫރަމް، ޓްރިޗީ، ކޮޒިކޯޑް އަދި އަމްރިތްސަރް އެއާޕޯޓުތަކުގައި ފާސްޓް ޓްރެކް އިމިގްރޭޝަން ޕްރޮގްރާމް ތައާރަފުކޮށް، އިތުބާރު ހުރި ދަތުރުވެރިންނަށް އަވަސް ޚިދުމަތް ދިނުން ފަށާފައިވާކަން އިންޑިއާ އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.