ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި އެންމެ މޮޅު ނަތީޖާ ހޯދާ ފަރާތްތަކަށް ޕީއެޗްޑީ ފެންވަރާ ހަމައަށް ތައުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ހާއްސަ ސްކޮލަޝިޕް ލިބޭނީ މުބާރާތުގެ ތިން މައިގަނޑު ބައިން ކޮންމެ ބައެއްގައި އެއްވަނަ ހޯދާ ފަރާތަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުބަލައި ކިޔެވުމުގެ ބައިން މުޅި މުބާރާތުގައި އެއްވަނަ، ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ، އަދި ހާފިޒުންގެ ބައިން އެއްވަނަ ހޯދާ ފަރާތްތަކަށް، އެމީހުން އެދޭ ދާއިރާއަކުން އަދި ބޭނުންވާ ގައުމެއްގައި ޕީއެޗްޑީ ފެންވަރާ ހަމައަށް ތައުލީމު ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް ދޭނެ ކަމަށެވެ.
މާތް ﷲ ގެ ކަލާމްފުޅު އެންމެ ރީތިކޮށް ކިޔަވާ ފަރާތްތަކަށް އެންމެ ބޮޑު ހިތްވަރާއި އިނާމުތައް ދޭންޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޖަލްސާގައި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ލިބޭ މުބާރާތް ކަމުގައި ހެދުމަށް ވާނީ ވައުދުވެފައި ކަމަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މުބާރާތުގެ ތިން މައިގަނޑު ބައިން ކޮންމެ ބައެއްގައި އެއްވަނަ ހޯދާ ފަރާތަށާއި، މުއައްސަސާތަކުގެ ބައިން އެއްވަނަ ހޯދާ ތަނަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ގޮތުގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ލިބޭނެއެވެ. މީގެ އިތުރުން، މުބާރާތުގެ އެހެން ވަނަތަކަށް އިސްލާމިކް މިނިސްޓްރީން ދޭ އިނާމުތައް ވެސް ކުރީ އަހަރުތަކާ އަޅާބަލާއިރު އިތުރުވެ، އަގުބޮޑުވާނެ ކަމަށާއި، އަމިއްލަ ފަރާތްތަކުން އިނާމު ހުށަހެޅުމަށް ލިބޭ ފުރުޞަތުތައް ވެސް ފުޅާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކީރިތި ގުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް މި މަހުގެ 18 އިން 26 އަށް ކުރިޔަށް ގެންދެވުނެވެ. އިސްލާމިކް މިނިސްޓްރީގެ މައުލޫމާތު ދައްކާގޮތުން، މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިގައި 582 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ބައިގައި 412 ބައިވެރިންނާއި، ހާފިޒުންގެ ބައިގައި 29 ބައިވެރިން ވާދަކޮށް، ޖުމުލަ 1037 ބައިވެރިން ކިޔަވާފައިވެއެވެ. އެހެންނަމަވެސް މުބާރާތުގެ ނަތީޖާ އިއުލާނުކުރާ ޖަލްސާ ބާއްވާނެ ތާރީހެއް އިސްލާމިކް މިނިސްޓްރީން އަދި ކަނޑައަޅާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ