އިޒްރޭލުން ގަތަރުގެ ކިބައިން މާފަށް އެދުނު: ދޯހާގެ ހަމަލާތައް ތަކުރާރު ނުކުރާނެ ކަމަށް ޔަގީންކަން

އިޒްރޭލުން ގަތަރުގެ ކިބައިން މާފަށް އެދުނު: ދޯހާގެ ހަމަލާތައް ތަކުރާރު ނުކުރާނެ ކަމަށް ޔަގީންކަން

Author
ޙަސަން މުޙައްމަދު
30 ސެޕްޓެމްބަރ 2025 11:07
0

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ގަތަރުގެ ވެރިރަށް ދޯހާގައި ދިން ހަމަލާތަކުގެ މައްސަލައިގައި ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އާލް ތާނީގެ ކިބައިން މާފަށް އެދިފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ހާމަކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމަށް ވައިޓް ހައުސްގައި ހުންނަވަނިކޮށް ނަތަންޔާހޫ ގަތަރުގެ ބޮޑުވަޒީރަށް ގުޅައިގެން މި ފޯން ކޯލް ކުރެއްވި ކަމަށް ވައިޓް ހައުސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މި މަހުގެ 9 ވަނަ ދުވަހު ދޯހާގައި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ވައިގެ މަގުން ކުރި ހަމަލާތަކުގައި ގަތަރުގެ ސަލާމަތީ ބާރުތަކުގެ މެންބަރަކު ޝަހީދުވި ކަމަކީ ހިތާމަކުރާ ކަމެއް ކަމަށް ނަތަންޔާހޫ ބުނެފައިވެ އެވެ.

ރަހީނުން ސަލާމަތްކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދަނިކޮށް ގަތަރުގެ އިސްތިގުލާލަށް އަރައިގަނެ ކުރި މި ހަމަލާތަކާ މެދު އިޒްރޭލުން ހިތާމަކުރާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ނަތަންޔާހޫ ދީފައިވާ ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.

މީގެ އިތުރުން ދެ ގައުމުގެ ލީޑަރުން ވަނީ ދެ ފަރާތުގެ ދެމެދުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށް ރަނގަޅު މުއާސަލާތީ ނިޒާމެއް ގާއިމުކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށް ވައިޓް ހައުސްގެ ބަޔާނުގައި ހިމެނެ އެވެ. ދެ ގައުމުގެ ދެމެދުގައި މުއާސަލާތުގެ އިންތިޒާމުތައް މިހާރަށްވުރެ ރަނގަޅު ގޮތެއްގައި ހަމަޖެއްސުމަށް ދެ ފަރާތުން އެއްބަސްވެފައިވެ އެވެ.

ނަތަންޔާހޫ މިގޮތަށް މާފަށް އެދުނީ، ކުރިން ދޯހާގެ ހަމަލާތައް ދިފާއުކޮށް ހަރުކަށި ލަފުޒުތަކުން ވާހަކަ ދައްކަމުން އައުމަށް ފަހުގަ އެވެ. ގަތަރުން ހަމާސްއަށް ހިމާޔަތްދޭ ކަމަށާއި ޓެރަރިޒަމަށް އެހީތެރިވާ ކަމަށް ތުހުމަތުކޮށް، ގަތަރުން ފިޔަވަޅު ނާޅައިފި ނަމަ އިޒްރޭލުން ސީދާ އަމިއްލައަށް ހަމާސްގެ ލީޑަރުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ނަތަންޔާހޫ ކުރިން ދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.