ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުންދާތީ އިމިގްރޭޝަނުން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ޚާއްސަގޮތެއްގައި 'އޯޕަން ވިޒާ’ގެ ނަމުގައި ހުއްދަ ނެތި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަން އެ އިދާރާއިން ފާހަގަކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން އެންމެ ފަހުން ފެށިގެން ކުރިއަށްދަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން އަނބުރާ ގައުމުތަކަށް ފޮނުވާލުމުގެ އޮޕަރޭޝަންތަކެކެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން ފާހަގަ ކުރެވެމުންދާ މައިގަނޑު މައްސަލައަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް ހުރިކަމުގައި ވިޔަސް، އެ ވިޒާ ދޫކޮށްފައިވާ ތަން ނޫން އެހެން ތަންތަނުގައި މަސައްކަތް ކުރުމެވެ. މީގެ އިތުރުން ހުއްދަ ދީފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރާކަން ވެސް ފާހަގަ ކުރެވިފައިވެއެވެ.
ދުވަހަކަށްވުރެ ދުވަހެއް މިފަދައިން މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ވަޒީފާ ދީފައިވާ ތަން ފިޔަވައި އެހެން ތަންތަނުގައި މަސައްކަތްކޮށް އާމްދަނީ ހޯދުމާއި، އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދަމުންދާ ބިދޭސީން އެބަތިބި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ސާފުކޮށް ދެއްވީ މިއީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫންކަމަށާއި، ބިދޭސީ މަސައްކަތްތެރީންނަށް މަސައްކަތް ކުރެވޭނީ ހަމައެކަނި ވިޒާ ދޫކޮށްފައިވާ ތަނުގައި އެކަނި ކަމަށެވެ. އެހެންކަމުން ވަޒީފާ ދޭ ފަރާތްތަކުން އެމީހުންގެ މުވައްޒަފުން އެހެން ތަންތަނުގައި މަސައްކަތް ކުރަން ނުފޮނުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަނިކޮށް ފާހަގަވެއްޖެ ނަމަ، އެފަދަ މުވައްޒަފުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް އަނބުރާ ފުރުވާލާނެ ކަމަށް އެ އިދާރާއިން އިންޒާރު ދިނެވެ. މީގެ އިތުރުން ވަޒީފާ ދިން ފަރާތަށް ވެސް ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ކަންކަން ހަރުދަނާކޮށް، ގާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަން ކުރުމަކީ މި މަސައްކަތުގެ މަގްސަދު ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މިކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރެވޭނެ ކަމަށް ވެސް އުންމީދުކުރާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމުގައި ވަޒީފާ ދޭ ފަރާތްތަކުންނާއި އާންމު ރައްޔިތުން ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ގޮވާލައިފައިވެއެވެ.
ކޮމެންޓު ފޮނުވާ