ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލާގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލާގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

Author
އަހުމަދު
29 ސެޕްޓެމްބަރ 2025 01:02
0

ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި 64 އަހަރުގެ އަންހެނަކު މަރުވި މައްސަލައިގެ ތަހުގީގު ނިމި، ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ، ހޯރަވިލާ، މުހައްމަދު ނައުސާން (37އ) ގެ މައްޗަށް ކަމަށް ފުލުހުން ބުނެއެވެ. ތަހުގީގު ނިމުނު މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ ސެޕްޓެންބަރު 25 ވަނަ ދުވަހު ކަމަށާއި، އެ އޮފީހުން މައްސަލަ ބަލައިގަތީ ސެޕްޓެންބަރު 28 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގީ މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑެއްގައެވެ. ހާދިސާ ހިނގި ދުވަހުގެ މާދަމާ އޮގަސްޓު 16 ގައި ނައުސާން ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މަޢުލޫމާތުން އެނގޭގޮތުގައި ނައުސާންއަކީ ކުރިން ވެސް ޓްރެފިކް ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެކި ފަހަރުމަތިން ޖޫރިމަނާ ކުރެވިފައިވާ މީހެކެވެ. އަދި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ވެސް ނެތް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބި، ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 64 އަހަރުގެ ދިވެހި އަންހެނަކު ނިޔާވިއިރު، އިތުރު މީހަކަށް ވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަލައި، ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.