ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (ކޮއްކޮ) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
36 އަހަރުގެ އުމުރުން ނިޔާވި އިފްރާހު ވަނީ ހެމޮރެޖިކް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން އޭނާގެ ހާލު ވަރަށް ސީރިއަސްވެފައިވާއިރު، ސްޓްރޯކުގެ ސަބަބުން ސިކުނޑިއަށް އެޅުނު ލޭގެ ބައެއް ނަގައި، އެ ދުވަހުގެ ހަވީރު މެޑިކަލީ އިންޑިއުސްޑް ކޯމާގައި ބާއްވާފައިވެއެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ އިފްރާހު ނިޔާވީ އިއްޔެރޭ ރޭ ވަގުތެއްގައެވެ.
އެކްސްގައި ރައީސް ޑރ. މުޢިއްޒު ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ، ދިވެހި ފުޓްބޯޅައިގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާ ނިޔާވުމުގެ ހިތާމައިގައި މަރްޙޫމުގެ އާއިލާއަށާއި ފުޓްބޯޅައަށް ލޯބިކުރާ އެންމެހައި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ. ހަމައެއާއެކު މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރައްވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔެއްކަމުގައިވާ އިބްރާހީމް އިފްރާހު އަރީފް ވަނީ ރާއްޖޭގެ އެކި ކުލަބުތަކަށް ކުޅެދީފައެވެ. އޭގެ ތެރޭގައި ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު، ވިކްޓަރީ ސްޕޯޓްސް ކްލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، ޓީސީ ސްޕޯޓްސް ކްލަބު އަދި ބީޖީ ސްޕޯޓްސް ކްލަބު ހިމެނެއެވެ.
ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކުގައި ކުޅުމުގެ އިތުރުން ސީނިއާ ގައުމީ ޓީމުގައި ވެސް ކުޅެދިން އިފްރާހު އަކީ ދިވެހި ފުޓްބޯޅައިގެ ދުނިޔޭގައި ގޯލްކީޕަރެއްގެ ގޮތުގައި ޚާއްޞަ ނަމެއް ހޯދި ކުޅުންތެރިޔެކެވެ. އޭނާގެ ނިޔާވުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ގެއްލުމެކެވެ.
ކޮމެންޓު ފޮނުވާ