މާލެއިން ފުރައިގެން ސިކްސް ސެންސަސް ލާމު ރިސޯޓަށް ހިލައާ ހިލަވެލި ގެންދިޔަ 70 ފޫޓުގެ "ގަސްކުރި" ނަމުގެ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ފުންކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ސެޕްޓެންބަރު 24 ވަނަ ދުވަހު ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ދޯނި، ރިސޯޓު ކައިރީގައިވާ ފަރަކަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދިނެވެ. ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުނެއެވެ.
ފަރަށް އެރުމުގެ ސަބަބުން ދޯނީގެ ބޮޑު ބައެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި، ދޯނީގެ ބައެއް ފެނުގެ އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރިއެވެ. މި ހާދިސާގައި ދޯންޏަށް ލިބުނު ގެއްލުން ބޮޑުކަމުން، ކޯސްޓްގާޑް ޑައިވަރުން ދޯނި ބަލައި ޗެކްކުރުމަށްފަހު، ސެލްވޭޖް މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ހޯދައިގެން މަސައްކަތް ފެށި ކަމަށް ބުނެއެވެ.
ދޯންޏަށް ތާނގީ ފީފާ ޖަހައިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ހަވީރު 16:05 ގައި ދޯނި ފުންކުރުމަށް ކާމިޔާބުވި ކަމަށާއި، މިހާރު އެ ދޯނި އެހެން އުޅަނދަކުން ޓޯވްކޮށްގެން ތިލަފުށްޓަށް ގެންދިއުމުގެ ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގައި ދޯންޏުގައި ދަތުރުކުރި ތިން މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ދޯނި ފަރަށް އެރުނު ސަބަބާ ބެހޭގޮތުން އަދި ތަފްސީލު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ