ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖަރު ޓާމިނަލްކަމުގައިވާ ޓާމިނަލް 1 ގައި އިންޑިގޯ އެއާލައިނުން ހިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ހާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުކަމުގައި ވަޑައިގެން ހުންނެވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހުއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު އަޝްފާންގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް އާއި އިންޑިގޯ މޯލްޑިވްސްގެ ޗީފް ސެކިއުރިޓީ އޮފިސަރު އަދި އެއާޕޯޓް މެނޭޖަރު ނިކިލް ވަރްމާގެ އިތުރުން ދެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގެ ތެރޭގައި އިންޑިގޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމާއެކު، ޓާމިނަލް 1 އިން އެ އެއާލައިނުގެ ފުރަތަމަ ފްލައިޓުގައި ދަތުރުކުރި 218 ފަސިންޖަރުންނަށް ހާއްސަ ހަދިޔާތައް ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން ޓާމިނަލް 1 އަށް ފުރަތަމަ ފަހަރަށް ކައިރިކުރި އިންޑިގޯގެ ފްލައިޓް 6E1127 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް ދެވުނެވެ. އަދި މި ފްލައިޓުން ރާއްޖެއަށް އައި 229 ފަސިންޖަރުންނަށް ދިވެހި ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައި، އެބޭފުޅުން އިސްތިގުބާލު ކުރެވުނެވެ.
އިންޑިއާގެ އެންމެ ބޮޑު އަދި އޭޝިއާ ސަރަހައްދުގައި ދެވަނައަށް އެންމެ ބޮޑު އެއާލައިނެއްކަމުގައިވާ އިންޑިގޯއިން ރާއްޖެއަށް ދަތުރުކުރަން ފެށީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މި އެއާލައިނަކީ ޓާމިނަލް 1 އިން އޮޕަރޭޓް ކުރަން ފެށި އަށްވަނަ އެއާލައިން ކަމުގައިވާއިރު، އިންޑިއާގެ އެއާލައިންތަކުގެ ތެރެއިން މި ޓާމިނަލްގައި ހިދުމަތް ދޭން ފެށި ފުރަތަމަ އެއާލައިންވެސް މެއެވެ.
މިހާރު ޓާމިނަލް 1 އިން އޮޕަރޭޓް ކުރާ އެއާލައިންތަކުގެ ތެރޭގައި މޯލްޑިވިއަން، އެއާ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާ، ބެއިޖިންގ ކެޕިޓަލް އެއާލައިންސް، ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސް ހިމެނޭއިރު، އިންޑިގޯ ވަނީ މި ލިސްޓަށް އިތުރުވެފައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް އެންމެ ފުރިހަމަ އަދި މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ކޮމެންޓު ފޮނުވާ