ރާއްޖެ އިސްލާމްވި 900 އަހަރު ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ރައްޖޭގެ އެކި ކަންކޮޅޫތަކުގައި ހިންގަނީ

ރާއްޖެ އިސްލާމްވި 900 އަހަރު ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ރައްޖޭގެ އެކި ކަންކޮޅޫތަކުގައި ހިންގަނީ

Author
ޙަސަން މުޙައްމަދު
24 ސެޕްޓެމްބަރ 2025 08:05
0

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި ޚިޠާބުގައި، 2026 ވަނަ އަހަރު ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި އިސްލާމީ އަދި ޤައުމީ ރޫޙު އިތުރަށް ހަރުދަނާކުރާނެ ޚާއްޞަ ޙަރަކާތްތަކެއް ރާވައި ހިންގާނެކަމަށް ވިދާޅުވެއްޖެއެވެ. މި މުހިންމު ތާރީޚީ ހާދިސާ ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވި ގޮތުގައި، މީގެ 899 އަހަރު ކުރިން ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރުމަކީ ދިވެހީންގެ ޤައުމީ ތާރީޚުގައި އެންމެ މުހިންމު ބަދަލުކަމަށާއި، މި ނިޢުމަތުގެ ސަބަބުން ދިވެހީންގެ އުޅުމާއި ގުޅުންތައް އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެގެންދިޔަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ތާރީޚީ ހާދިސާއިން ލިބޭ އިބުރަތްތަކުގެ އަލީގައި ކުރިއަށް ދިއުމުގެ މުހިންމުކަން ރައީސް އުފުލާއި ދެއްކެވިއެވެ.

ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިކުރެއްވި ޙިކުމަތްތެރި ޢިލްމުވެރިޔާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީގެ ޛިކުރާ އައުކުރައްވައި، އެމަނިކުފާނަށާއި އެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް އިސްލާމްދީނުގެ ޝިޢާރުތައް ދިވެހިރާއްޖޭގައި ދެމެހެއްޓެވުމަށް މަސައްކަތް ކުރެއްވި ރަސްރަސްކަލުންނާއި، ވެރީންނާއި، ޢިލްމުވެރީންނާއި، ދީނީ މުރައްބީންނަށް ދުޢާކުރެއްވުމަށް ރައީސް ގޮވާލެއްވިއެވެ.

ފާއިތުވި ގާތްގަނޑަކަށް ނުވަ ސަތޭކަ އަހަރުގެ ތެރޭގައި ދިވެހިން ވަނީ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ދެމިތިބެ، އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ދިވެހިރާއްޖޭގައި ޖާގަ ނުދީ ތިބިކަމަށާއި، އިސްލާމީ އުސޫލުތަކާ ޚިލާފު ކޮންމެ ކަމެއް މި ޤައުމުން ނައްތާލުމުގެ ސާބިތު ޢަޒުމުގައި ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ޚިޠާބު ނިންމަވަމުން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، އިސްލާމީ އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރުމަށް ސަރުކާރުން ދެމިދެމިއޮންނާނެ ގޮތަށް މަސައްކަތް ކުރަމުން ގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.