ހއ. ދިއްދުއަށް ދިޔަ މުދާ ބޯޓެއް ނ. ވަވަތިކުރޮޅި ފަރަށް އަރައިފި

ހއ. ދިއްދުއަށް ދިޔަ މުދާ ބޯޓެއް ނ. ވަވަތިކުރޮޅި ފަރަށް އަރައިފި

Author
ޙަސަން މުޙައްމަދު
22 ސެޕްޓެމްބަރ 2025 11:02
0

މާލެއިން ފުރައިގެން ހއ. ދިއްދުއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ރޭގެ ވަގުތެއްގައި ނ. ވަވަތިކުރޮޅި ފަރަށް އަރައިފިއެވެ. "މެގަ ހޯރަ" ނަމުގައި ހަރަކާތްތެރިވާ މި ބޯޓުގައި ހާދިސާ ހިނގި އިރު 61 މީހުން ދަތުރުކުރަމުން ދިޔަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކުރެއްވިއެވެ.

އެމްއެންޑީއެފުން ދެއްވި މައުލޫމާތުގައި ވިދާޅުވީ، މި ހާދިސާގައި ބޯޓުގައި ދަތުރުކުރި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް 98 ފޫޓުގެ މި ބޯޓު ފަރުން ނެގުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަމުންދާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ފަރަށް އެރި ބޯޓު ނެގުމުގެ މަސައްކަތްތަކުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަކްރާފްޓް ލޯންޗެއް ޑައިވަރުންނާއެކު އެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުން ގެންދެއެވެ. މީގެ އިތުރުން ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް އެ ސަރަހައްދަށް ގޮސް، ބޯޓު ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއްވިއެވެ.

މި ހާދިސާ ހިނގި ގޮތާއި ބޯޓު ފަރަށް އެރުނު ސަބަބު ބެލުމަށް ތަހުގީގެއް ފެށިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.