އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ މެޑިކަލް ކޮމިޓީގެ މެންބަރަކަށް ދިވެހިރާއްޖޭގެ މަޝްހޫރު ސްޕޯޓްސް މެޑިސިން ޑޮކްޓަރު އަހުމަދު ޝަކީބް އައްޔަންކުރައްވައިފިއެވެ. މި މަގާމަށް ޑރ. ޝަކީބް ހޮވިވަޑައިގަތީ މިމަހުގެ 6 ވަނަ ދުވަހު ތައިލެންޑްގެ ބެންކޮކް ސިޓީގައި ބޭއްވުނު އޭވީސީ ބޯޑް އޮފް އެޑްމިނިސްޓްރޭޝަންގެ ބައްދަލުވުމަކުންނެވެ.
ދިވެހި ކުޅިވަރުގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ޑރ. ޝަކީބަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ސީނިއަރ ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. 1997 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ މެޑިކަލް ސްޓާފްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ޑރ. ޝަކީބަކީ އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓް ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ފީފާ ފުޓްބޯލް މެޑިސިންގައި ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ޑރ. ޝަކީބަކީ އޭޝިއާ ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިންތިޒާމުކުރާ ބައިނަލްއަގްވާމީ ސެމިނާތަކުގައި ބައިވެރިވެވަޑައިގަންނަވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ސްޕޯޓްސް މެޑިސިންގެ ދާއިރާގައި އެންމެ ފުންނާބު އިލްމު ލިބިވަޑައިގެންފައިވާ ޑޮކްޓަރުންގެ ތެރޭގައި ޑރ. ޝަކީބް ހިމެނިވަޑައިގަންނަވައެވެ.
ދިވެހި ކުޅުންތެރިންގެ މެދުގައި ވަރަށް ބޮޑު އިތުބާރެއް ލިބިވަޑައިގެންފައިވާ ޑރ. ޝަކީބަކީ، ކުޅިވަރުގެ އެކި ދާއިރާތަކުން ޚިދުމަތް ހޯދާ އަދި މަޝްވަރާ ހޯދާ ޑޮކްޓަރެކެވެ. އެމަނިކުފާނުގެ ތަޖުރިބާއާއި އިލްމީ ޤާބިލިއްޔަތުގެ ސަބަބުން ގިނަ ކުޅުންތެރިން ވަނީ އެމަނިކުފާނުގެ ފަރުވާ ހޯދައި، ކާމިޔާބު ހާސިލުކޮށްފައެވެ.
އޭވީސީގެ މެޑިކަލް ކޮމިޓީއަށް ޑރ. ޝަކީބް އައްޔަންކުރެއްވުމަކީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއްކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވިދާޅުވެފައިވެއެވެ. އަދި ވީއޭއެމްއިން ވަނީ ޑރ. ޝަކީބަށް ތަހުނިޔާ އަރިސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ