ފ. ނިލަންދޫގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިދެއްވިއެވެ. މިމަޝްރޫޢު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިލަންދޫއަށް ވަޑައިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މީގެ އިތުރުން ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ، ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުގެ އިތުރުން ރަށުގެ ގިނަ ރައްޔިތުން ބައިވެރިވިއެވެ.
ސަރުކާރުން ވިދާޅުވީ އަންނަ ދެ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެހައި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މި ލަނޑުދަނޑި ހާސިލުވުމުން އަމާން އަދި ސުލްހަވެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ