ނިލަންދޫގައި ފިއުލް ސްޓޯރޭޖާއި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފެށުމަށް އެއްބަސްވުންތަކުގައި ސޮއި ކޮށްފި

ނިލަންދޫގައި ފިއުލް ސްޓޯރޭޖާއި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފެށުމަށް އެއްބަސްވުންތަކުގައި ސޮއި ކޮށްފި

Author
ޙަސަން މުޙައްމަދު
21 ސެޕްޓެމްބަރ 2025 09:27
0

ފ. ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް ގާއިމުކުރުމަށް އެސްޓީއޯ އާއި ހަވާލުކޮށް، ކުނި މެނޭޖްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެމްކޯ އާއި ނިލަންދޫ ކައުންސިލާ ދެމެދު އެއްބަސްވުންތަކުގައި ރޭ ސޮއިކޮށްފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިލަންދޫއަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.

ފިއުލް ސްޓޯރޭޖް އެޅުމާ ގުޅޭ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސިމާދު އިބްރާހިމް އަދި އިޝާން އިންވެސްޓްމަންޓްގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ އުއްމު ކުލްސޫމެވެ. ކުނި މެނޭޖްކުރުމުގެ ހިދުމަތާ ގުޅޭ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހްމަދު މުޖުތަބާ އަދި ނިލަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލީ އަހްމަދެވެ.

މި މަޝްރޫއުތަކާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިންނަށް ހާއްސަ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި މިހާރު ކަނޑައެޅިފައިވާ ހުރިހާ ރަށެއްގައި ފިއުލް ސްޓޯރޭޖްތައް ގާއިމުކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ ފަރާތަކާ ހަވާލުކޮށްގެން ރީފެބްރިކޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ނޮވެންބަރު މަހުގެ ތެރޭގައި މި ފިއުލް ސްޓޯރޭޖްތައް ޑެލިވަރީކުރެވި، އިންސްޓޯލްކުރުމުގެ މަސައްކަތް ފެށޭނެއެވެ. މިހާރު ތާވަލުކުރެވިފައިވާ ގޮތުން 2025 ވަނަ އަހަރުގެ މާޗް މަހާ ހަމައަށް އަތޮޅަކުން މަދުވެގެން އެއް ރަށުގައި މި މަޝްރޫއު ނިންމާލެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ނިލަންދޫ ކައުންސިލާއި ވެމްކޯ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ރަނގަޅު ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.