ވަޠަނީ ޚިދުމަތުގެ އަމާޒަކީ 6 މަގުސަދެއް ހާސިލްކުރުން: ރައީސް

ވަޠަނީ ޚިދުމަތުގެ އަމާޒަކީ 6 މަގުސަދެއް ހާސިލްކުރުން: ރައީސް

Author
ޙަސަން މުޙައްމަދު
18 ސެޕްޓެމްބަރ 2025 08:56
0

މިހާރު ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ އަމާޒަކީ 6 މަގުސަދެއް ހާސިލްކުރުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކޮށްފައިވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ރާއްޖޭގެ 107 ރަށަކުން ޒުވާނުން ބައިވެރިވާ ކަމަށް ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ޖުމުލަ 343 ޒުވާނުން ބައިވެރިވެ، އެ ބޭފުޅުން އިއްޔެ ތަމްރީނު ފުރިހަމަ ކުރުމަށް މާފިލާފުއްޓަށް ވަނީ ފުރާފައެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވަނީ 16 އަހަރާއި 29 އަހަރާ ދެމެދުގެ 64 އަންހެން ޒުވާނުންނާއި 279 ފިރިހެން ޒުވާނުންނެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބެޗަށް ހުޅުވައިލުމުން 1،244 ޒުވާނުން ކުރިމަތިލި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށާއި އެ ބޭފުޅުންގެ ބެލެނިވެރިންނާއި ޢާއިލާތަކަށް މަރުޙަބާ ދަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތުން ބިނާކުރުމަށް އަމާޒުކުރާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މަސައްކަތަށް އަހުލުވެރި، އަޚްލާޤް ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ތައްޔާރުކުރުމެވެ.

ސަރުކާރުން ދެކޭގޮތުގައި، މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންނަށް ލިބޭ ތަޖުރިބާއާއި ތަމްރީނުތަކުން އެ ބޭފުޅުންގެ ޝަޚްޞިއްޔަތު ތަރައްޤީވެ، ޤައުމަށް ޚިދުމަތްކުރުމުގެ ޖަޒުބާ އިތުރުވާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.