ރާއްޖެ އައި ޗައިނާ ފަތުރުވެރިން 18.8 ޕަސެންޓް އިތުރުވެ، ޖުމްލަ އަދަދު 9.6 ޕަސެންޓުން ކުރިއަރައިފި

ރާއްޖެ އައި ޗައިނާ ފަތުރުވެރިން 18.8 ޕަސެންޓް އިތުރުވެ، ޖުމްލަ އަދަދު 9.6 ޕަސެންޓުން ކުރިއަރައިފި

Author
ޙަސަން މުޙައްމަދު
17 ސެޕްޓެމްބަރ 2025 02:56
0

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާ ޤައުމުތަކުގެ ތެރެއިން ޗައިނާއިން މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 18.8 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 246،834 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ މި މުއްދަތުގައި އެ ޤައުމުން ޒިޔާރަތްކޮށްފައި ވަނީ 207،749 ފަތުރުވެރިންނެވެ.

ރާއްޖެއަށް ފަތުރުވެރިން ފޮނުވާ މައިގަނޑު ޤައުމުތަކުގެ ތެރެއިން ރަޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 21.7 ޕަސެންޓް އިތުރުވެ، 187،731 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރަޝިއާއިން ޒިޔާރަތްކޮށްފައި ވަނީ 154،178 ފަތުރުވެރިންނެވެ.

އިނގިރޭސިވިލާތުން މި އަހަރު ޒިޔާރަތްކުރި 139،789 ފަތުރުވެރިންނަކީ ފާއިތުވި އަހަރުގެ 121،903 ފަތުރުވެރިންނަށްވުރެ 14.6 ޕަސެންޓް އިތުރު އަދަދެކެވެ. ސްޕެއިނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15.2 ޕަސެންޓް އިތުރުވެ 36،758 އަށް އަރައިފައިވާއިރު، ޖަރުމަނުން 7.2 ޕަސެންޓް އިތުރުވެ 107،686 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އިޓަލީއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 5.5 ޕަސެންޓް އިތުރުވެ 109،476 އަށް އަރައިފައިވާއިރު، އިންޑިއާއިން 4.3 ޕަސެންޓް އިތުރުވެ 89،639 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ފްރާންސުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.6 ޕަސެންޓް އިތުރުވެ 42،063 އަށް އަރައިފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެން ނަމަވެސް އެމެރިކާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 5.4 ޕަސެންޓް ދަށްވެފައިވާ ކަން ފާހަގަކުރެވެ އެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި އެމެރިކާއިން 48،180 ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، މި އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ 45،557 ފަތުރުވެރިންނެވެ.

މިހެން ގޮސް ރާއްޖެއަށް މި އަހަރުގެ ސެޕްޓެމްބަރު 15 ގެ ނިޔަލަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.