ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތަށް 8 ފަރާތަކުން ސްޕޮންސަރޝިޕް ފޯރުކޮށްދޭނެ

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތަށް 8 ފަރާތަކުން ސްޕޮންސަރޝިޕް ފޯރުކޮށްދޭނެ

Author
އައިޝަތު އަޙްމަދު
17 ސެޕްޓެމްބަރ 2025 08:52
0

ސެޕްޓެމްބަރު މަހު 18 އިން 22 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ހޭންޑްބޯލް އެސޯސިއޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކުޅުދުއްފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި ޖުމްލަ 8 ފަރާތަކުން މި މުބާރާތަށް ސްޕޮންސަރޝިޕް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެއެވެ. ހޭންޑްބޯލް އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް އަޙުމަދު މުޖުތަބާއެވެ.

މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ސޮއިކުރި ފަރާތްތަކަކީ ކުޅުދުއްފުށި ސިޓީ ކައުންސިލް، ކުޅުދުއްފުށި ސިޓީ އެއާޕޯޓު، ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށި ސިޓީ ޕޮލިސް، ފެނަކަ ކުޅުދުއްފުށީ ބްރާންޗު، ދިރާގު، މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ އަދި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަންއެވެ.

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ވާދަކުރާނީ އިންޑިއާ، ޕާކިސްތާނު، ސައުތު އެފްރިކާ، ބަންގްލަދޭޝް އަދި ސްރިލަންކާއެވެ. މުބާރާތް ފެށޭނީ ސެޕްޓެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 ގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗުންނެވެ.

އެ ދުވަހުގެ ރޭ 8 ޖަހާއިރު ބަންގަލަދޭޝް އާއި ސައުތު އެފްރިކާ ކުޅޭނެއިރު، ފުރަތަމަ ދުވަހުގެ މެޗްތައް ނިންމާލާނީ ރޭ 9 ޖަހާއިރު އިންޑިއާ އާއި ޕާކިސްތާނު ދެމެދު ބޭއްވޭ މެޗުންނެވެ. މި މުބާރާތަކީ ކުޅުދުއްފުށި ސިޓީގައި ބޭއްވޭ ބައިނަލްއަޤްވާމީ ފެންވަރުގެ މުހިންމު ކުޅިވަރު ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.