ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި އަސްކަރީ ޤާފިލާއަކަށް ޓެރަރިސްޓުން ދިން އުދުވާނީ ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި ކުށެއްނެތް އެތައް ބަޔަކު ޝަހީދުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި ދައްކާފައިވާ ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުން ޕާކިސްތާނަށް ތަޢުޒިޔާ ފޮނުވައި، މަރުވި މީހުންގެ ޢާއިލާތަކަށާއި، ޕާކިސްތާން ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ އަދާކޮށްފައިވެއެވެ. ހަމައެއާއެކު މި ފިނޑި ޖަރީމާގައި އަނިޔާލިބުނު އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި ދުޢާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ދިވެހިރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ސާބިތުކަންމަތީ ތެދުވެ ދެމިއޮންނާނެ ޤައުމެއްކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ކަށަވަރުކޮށްދީފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެކި ފަރާތްތަކާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ވެސް ދީފައިވެއެވެ.
ޕާކިސްތާނަކީ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރީގައި އޮތް ޤައުމެއްކަމާއި، އެ ޤައުމުގެ ސިފައިންނާއި ސަލާމަތީ ބާރުތަކުން މި ނުރައްކާތެރި ވަބާއާ ދެކޮޅަށް ވަމުންދާ ޤުރުބާނީތަކަކީ ސަރަޙައްދީ އަމާންކަމާއި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށް ކުރާ މުހިންމު މަސައްކަތެއްކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢު ޤަބޫލުކުރެއެވެ.
ކޮމެންޓު ފޮނުވާ