މަޖިލީހުގެ އިދާރާއިން 2023 ވަނަ އަހަރު ކޮށްފައިވާ ހަރަދުތައް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ރިޕޯޓުގައި ފާހަގަ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޖިލީހުގެ އިދާރާއަށް ފާސްކުރެވުނު ބަޖެޓާއި، އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމެނޭ އަދަދުތަކާއި ޕަބްލިކް އެކައުންޓިން ސިސްޓަމުގެ ރެކޯޑްތަކުގެ މެދުގައި އެއްވެސް އުނިއިތުރެއް ނެތްކަމަށް އޮޑިޓުން ދައްކައެވެ.
މީގެ އިތުރުން، މަޖިލީހުގެ އިދާރާއިން 2023 ވަނަ އަހަރު ކޮށްފައިވާ ހަރަދުތަކަކީ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންކަމަށް، ކަނޑައެޅިފައިވާ މިންވަރަށް، މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއްކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 214.6 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދެއްވިއެވެ. ނަމަވެސް މުޅި އަހަރުގެ ހަރަދުތައް ނިމުނުއިރު، ބަޖެޓުގެ ތެރެއިން 38.3 މިލިއަން ރުފިޔާ ހޭދަނުކޮށް ބާކީވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.
ކޮމެންޓު ފޮނުވާ