ބޭރުގެ އެހީއަށް ބަރޯސާވުން ކުޑަކުރަން ކެޕިޓަލް މާކެޓް ފުޅާކުރުމަކީ މުހިންމު ކަމެއް: ފިނޭންސް މިނިސްޓަރ

ބޭރުގެ އެހީއަށް ބަރޯސާވުން ކުޑަކުރަން ކެޕިޓަލް މާކެޓް ފުޅާކުރުމަކީ މުހިންމު ކަމެއް: ފިނޭންސް މިނިސްޓަރ

Author
އަހުމަދު
12 ސެޕްޓެމްބަރ 2025 09:23
0

ދިވެހިރާއްޖެ ބޭރުގެ އެހީއާއި ލޯނުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ކެޕިޓަލް މާކެޓް ފުޅާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި 'މޯލްޑިވްސް ފައިނޭންސް ފޯރަމް 2025′ ނިންމާލި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ދިވެހިރާއްޖޭގެ މާލީ ނިޒާމު މިހާރު އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ބޭންކުތަކުގެ މައްޗަށް ކަމަށެވެ. އެހެންނަމަވެސް ގައުމުގެ ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމައެކަނި ޕަބްލިކް ފައިނޭންސިންގ މެދުވެރިކޮށް ހޯދުމަކީ އުނދަގޫ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން، ގައުމުގެ އެތެރޭގެ އާމްދަނީގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް ބޭރުގެ ގައުމުތަކުން ލިބޭ އެހީތެރިކަމާއި ލޯނުތަކަށް ބަރޯސާވާ މިންވަރު މަދުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. ކެޕިޓަލް މާކެޓެއް ގާއިމުކުރުމަކީ މިކަމުގައި ކީ ރޯލެއް އަދާކުރާނެ ކަމެއް ކަމުގައި ފާހަގަކުރައްވަމުން، ދިގު މުއްދަތަށް ރައްކާކުރާ ފައިސާ އިންވެސްޓުކުރެވޭނެ މަގުތަކާއި ފައިނޭންސިންގ ލިބޭނެ ފުރުޞަތުތައް ފުޅާކޮށްދީ، އިގްތިޞާދުގެ ވިލުންތެރިކަން އިތުރުކުރުމުގައި ކެޕިޓަލް މާކެޓުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޮންޑުތަކާއި، ސުކޫކާއި، ގްރީން ބޮންޑުތަކާއި، ބްލޫ ބޮންޑުތަކުގައި އިންވެސްޓުކުރުމުގެ ފުރުޞަތުތައް ގާއިމުކުރުމުގެ މުހިންމުކަން މިނިސްޓަރ ޒަމީރު ހާއްސަކޮށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަންހެނުން ހިންގަވާ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ކެޕިޓަލް ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ގައުމުގެ މާލީ ނިޒާމު މިފަދައިން ބައްޓަންކުރެވިއްޖެނަމަ، ކެޕިޓަލް މާކެޓާއި ފައިނޭންޝަލް މާކެޓު ދެންނެވި ދެ ދާއިރާވެސް ކުރިއަރައި ތަރައްގީވެގެންދާނެ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. މި އަމާޒުތައް ހާސިލުކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއި ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބުން ވަރަށް މުހިންމު ކަމުގައިވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޮންމެ އަހަރަކުވެސް ބޭއްވޭ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ، ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމާއި، ގައުމަށް އިގްތިޞާދީ ގޮތުން ގެނެވިދާނެ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް އިންތިޒާމުކުރެވޭ މުހިންމު ފޯރަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.