އިޖުތިމާއީ ހިދުމަތްތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަހުމަދު ހިޝާންގެ މައްޗަށް ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދައުވާ ނުކުރެވުނީ ހެކި ނެތިގެން ނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ސާފުކޮށްދީފިއެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ އޮފީހުން ބުނީ ދައުވާ ކުރުމުގެ ގާނޫނީ މުއްދަތު ފަހަނައަޅައި ދިއުމުން ދައުވާ ނުކުރެވުނު ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވާފައިވާ ގޮތުގައި، 2020 ވަނަ އަހަރު ފުލުހުން ހިޝާންގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް އެދި ފޮނުވި ކަމަށެވެ. އޭރު ހުށަހެޅުނު ހެކިތަކަށް ބަލާއިރު، ބައެއް ކުދިންނާ ގުޅޭ ގޮތުން ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގޮތުން، ކުށެއް ހިނގިތާ 8 އަހަރުގެ ތެރޭގައި ނޫނީ ދައުވާ ނުކުރެވޭނެއެވެ. މި މައްސަލައިގައި ހިމެނޭ ކަންތައްތައް ހިނގިތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާތީ، ގާނޫނީ މުއްދަތު ހަމަވެފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
"ދައުވާ ނުކުރެވުނީ މުއްދަތު ފަހަނައަޅައި ދިޔައީމައެވެ. ދައުވާ ކުރެވޭ ވަރަށް ހެކި ހުރިއެވެ،" ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.
މައްސަލަ ފެންމަތިވި ވަގުތު، ހިޝާންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ ކުދިންގެ އުމުރުން މިހާރު 18 އަހަރު ވެފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތު ދެއްވިއެވެ. އަދި ދައުވާ ނުކުރެވުމާ ގުޅިގެން، އިތުރު މައުލޫމާތެއް ހުރިނަމަ ހުށަހެޅުމަށް އެ އަހަރު ފުރުސަތު ހުޅުވާލި ނަމަވެސް، އެފަދަ އެއްވެސް ރިޕޯޓެއް ނުލިބޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ގައުމީ އިނާމު ހާސިލުކޮށްފައިވާ އިޖުތިމާއީ ހިދުމަތްތެރިއެއް ކަމުގައިވާ ހިޝާންގެ މައްޗަށް 2020 ވަނަ އަހަރު މި ތުހުމަތުތައް ކުރެވުމާ ގުޅިގެން، އޭރު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އޭނާއާ ދެކޮޅަށް ބަޔާންތައް ދީފައިވެއެވެ. މައްސަލައާ ގުޅިގެން އެޗްއާރުސީއެމްގެ ޑިސެބިލިޓީ އެމްބެސެޑަރުކަމުން ހިޝާން ވަކިކުރެވި، ޕާސްޕޯޓު ހިފެހެއްޓިފައިވެއެވެ.
ޕާސްޕޯޓު އަނބުރާ ލިބުމާއެކު ހިޝާން ވަނީ ތުރުކީއަށް ހިޖުރަކޮށްފައެވެ. ފަސް އަހަރު ފަހުން މިދިޔަ މަހުގެ ފަހުކޮޅު އޭނާ ރާއްޖެއަށް އައުމާ ގުޅިގެން، މައްސަލަ ތަހުގީގުކުރި ފަރާތްތަކާ ދެކޮޅަށް އޭނާ ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. ހިޝާން ބުނަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކީ ނުހައްގު ތުހުމަތުތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ