ޝިއާއުގެ މަރު: މައްސަލައިގައި ހެކިބަސް ނެގުން ދެ މަހުގެ ތެރޭގައި ނިންމަން ކޯޓުން ނިންމައިފި

ޝިއާއުގެ މަރު: މައްސަލައިގައި ހެކިބަސް ނެގުން ދެ މަހުގެ ތެރޭގައި ނިންމަން ކޯޓުން ނިންމައިފި

Author
ޙަސަން މުޙައްމަދު
10 ސެޕްޓެމްބަރ 2025 02:41
0

ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު އަނިޔާވެރިކޮށް މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނިލަންދޫ، ފިނިފެންމާގެ، އަލީ ސާހިލްގެ މައްސަލައިގައި ހުށަހެޅިފައިވާ ހެކިންގެ ހެކިބަސް ނެގުން ދެ މަހުގެ ތެރޭގައި ނިންމުމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

2022 ވަނަ އަހަރުގެ އޯގަސްޓު 6 ވަނަ ދުވަހު ހ. ޝީރީންވިލާގައި ޝިއާއުގެ ހަށިގަނޑު ފެނިފައިވާ ސީނުން ސާހިލް ހައްޔަރުކުރެވުނު ތާ މިހާރު ވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފަސް ދައުވާއެކެވެ. އެގޮތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ އިތުރުން އެހެން ދެ ދައުވާއެއް ވެސް އުފުލާފައިވެއެވެ. ނަމަވެސް މި ދެ ދައުވާގެ ތަފްސީލު ސިއްރުކޮށްފައިވާތީ އާންމުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ މިއަދު ބޭއްވުމަށް ހަމަޖެހިފައިވި އަޑުއެހުން ކެންސަލްކުރަން ޖެހުނީ ސާހިލް ކޯޓަށް ހާޒިރުނުކުރެވިގެންކަމަށް ކޯޓުން މައުލޫމާތު ދީފައިވެއެވެ. ހާޒިރުނުވެވުނު ސަބަބު ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. މިއަދު ނެގުމަށް ހަމަޖެހިފައިވި ދެ ހެކިންގެ ހެކިބަސް މި މަހުގެ 14 ވަނަ ދުވަހު ނަގާނެ ކަމަށާއި، އެ ދުވަހު ސިއްރު ހެކިންގެ ހެކިބަސް ވެސް ނަގާނެކަމަށް ދައުލަތުން އެދިފައިވާ ކަމަށް ކޯޓުން ބުނެފައިވެއެވެ.

މި މައްސަލައިގައި ޖުމްލަ 35 ހެކިވެރިން ތިބި ކަމަށާއި، މި ހެކިވެރިންގެ ހެކިބަސް ހަ އަޑުއެހުމަކަށް ބަހާލައިގެން ނެގުމަށް ހަމަޖެހިފައިވާ ކަމަށް ކޯޓުން ހާމަކޮށްފައިވެއެވެ. މިގޮތުން އަންނަ ދެ މަސް ދުވަހުގެ ތެރޭގައި ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިންމުމަށް ކޯޓުން ނިންމާފައިވެއެވެ.

ކުރިން ބޭއްވުނު އަޑުއެހުމެއްގައި ދައުވާތައް އިއްވުމުން ސާހިލް ވަނީ ދައުވާތަކަށް ޖަވާބުދާރީވުމަށް އުޒުރުވެރިވާ ކަމަށް ބުނެފައެވެ. މިހެން ބުނުމުން ކޯޓުން ވަނީ އޭނާ ދައުވާތަކަށް އިންކާރުކުރީ ކަމުގައި ކަނޑައަޅާފައެވެ. ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމުން، އޭނާގެ ފަރާތުން ހުށަހަޅާނެ ދިފާއީ ހެއްކެއް ނެތް ކަމަށް ސާހިލް ބުނެފައިވެއެވެ.

މި މައްސަލަ ކުރިއަށް ގެންދަނީ ސާހިލް އަމިއްލައަށް ކަމަށާއި، އޭނާ ވަކީލެއްގެ އެހީތެރިކަން ހޯދާފައި ނުވާކަމަށް ކޯޓުން މައުލޫމާތު ދީފައިވެއެވެ. ސާހިލް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ ގޮތަށް ކޯޓުން އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.