ރާއްޖޭގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އާ ސީއީއޯއެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
މި އިއުލާން ކުރެވުނީ މިދިޔަ އަހަރު ޖެނުއަރީ މަހުން ފެށިގެން މަޓާޓޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އައިމިނަތު ސޫޒަން އެ މަގާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ. ސޫޒަން އަކީ މަޓާޓޯގެ ތާރީޚުގައި ސީއީއޯ މަގާމާ ހަވާލުވި ފުރަތަމަ އަންހެން ބޭފުޅެވެ.
ސޫޒަން މަގާމުން ވަކިވެވަޑައިގެންނެވުމާ އެކު، ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ މި ޖަމިއްޔާއިން ވަނީ އެމަނިކުފާނު ޖަމިއްޔާއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މަޓާޓޯގެ އާ ސީއީއޯ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް މި ޖަމިއްޔާއިން ވަނީ ދަޢުވަތު ދީފައެވެ. މި މަގާމަކީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގައި ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ މަސްލަހަތު ޙިމާޔަތްކޮށް، އެ ދާއިރާ ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ މަގާމެކެވެ.
ކޮމެންޓު ފޮނުވާ