އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި އެގައުމުގެ 80 އޮފިޝަލުންނަށް ވިސާ ދޫނުކުރުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން އިއުލާންކުރީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއްޔެ ނެރުނު ބަޔާނަކުންނެވެ.
އެމެރިކާ ސަރުކާރުން ބުނި ގޮތުގައި، ފަލަސްތީނުގެ ފަރާތުން ހަރުކަށި ފިކުރު ހުއްޓުވުމުގެ ބަދަލުގައި އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާތީ މިފަދަ ފިޔަވަޅެއް އެޅުމަށް ނިންމީއެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ރޮއިޓާސް އަށް ދިން މައުލޫމާތުގައި، މި ނިންމުމުގެ ސަބަބުން ރައީސް އައްބާސް އާއި އެހެން އޮފިޝަލުންނަށް އދ. ޖަލްސާއަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އައްބާސް އެމެރިކާއަށް ވަޑައިގަތުން ރާވާފައި އޮތީ އދ.ގެ ޖަލްސާގެ އިތުރުން، ފްރާންސް އާއި ސައުދީ އަރަބިއްޔާ ގުޅިގެން އެމެރިކާގައި ބާއްވާ ސަމިޓެއްގައި ބައިވެރިވުމަށް ވެސް ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ނަމަވެސް އެމެރިކާގެ މި ނިންމުމާއެކު، އެ ދަތުރުފުޅު ކެންސަލްވެގެން ދާނެ ކަމަށް ބެލެވެއެވެ.
ފަލަސްތީނުގެ ރައީސްގެ އޮފީހުން މި ނިންމުމަށް ކަނޑައެޅިގެން އިންކާރުކޮށް، މިއީ އދ.ގެ ހެޑްކުއާޓާސް އެއްބަސްވުމާ ހިލާފު ޢަމަލެއް ކަމަށް ބުނެފައިވެއެވެ. އދ.ގެ ހެޑްކުއާޓާސް އެއްބަސްވުމުގެ ދަށުން، އދ.ގެ ރަސްމީ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެންބަރު ގައުމުތަކުގެ މަންދޫބުންނަށް އެމެރިކާއިން ވިސާ ދޫކުރަން ޖެހެއެވެ.
މި ކަން ހިނގާފައިވަނީ، އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި އެމެރިކާގެ ގާތް މިތުރު ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކަކުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް ތައްޔާރުވަމުންދާ ވަގުތެއްގައެވެ. މިކަމުން ފަލަސްތީނުގެ މައްސަލައިގައި ބައިނަލްއަޤްވާމީ ރައުޔު ބަދަލުވަމުންދާ ގޮތް ފާހަގަކުރެވެއެވެ. އެހެންނަމަވެސް، އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅުމުން، ފަލަސްތީނުގެ ކަންކަމުގައި ބައިނަލްއަޤްވާމީ މުޖުތަމައުގައި ދިމާވެފައިވާ ހަރުކަށި ޚިޔާލު ތަފާތުވުން އިތުރަށް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ