މީޑިއާ ބިލްގެ މަހުފޫމް ބިނާކޮށްފަ އޮތީ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް، ބިލް ބޭރު ކުރޭ: ޝާހިދު

މީޑިއާ ބިލްގެ މަހުފޫމް ބިނާކޮށްފަ އޮތީ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް، ބިލް ބޭރު ކުރޭ: ޝާހިދު

Author
ޙަސަން މުޙައްމަދު
29 އޮގަސްޓް 2025 07:05
0

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލްކުރާ ބިލް އިސްލާހުކޮށްގެން ފާސްކުރަން ސަރުކާރުން ރާވާ ރޭވުމަކީ މީޑިއާގެ މިނިވަންކަން ނެތިކޮށް، ނޫސްވެރިންނަށް އަތްބާނާ، ކޮރަޕްޝަނާއި ފަސާދަ ކުރުމަށް ހިންގާ ހީލަތެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވީ، ބިލަށް އިސްލާހު ގެނެސްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ކަމަށެވެ. ނަމަވެސް މި ވާހަކަތަކަށް ރައްދުދެއްވަމުން ޝާހިދު 'އެކްސް' ގައި ވިދާޅުވީ، މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާ ރެގިއުލޭޓް ކުރާންވާނީ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން ކަމަށާއި، މި ބިލުގެ މުޅި މަފްހޫމް ބިނާކޮށްފައި އޮތީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

ބިލް މިހާރުން މިހާރަށް މަޖިލީހުން ބޭރުކުރުމަށް ޝާހިދު ވަނީ ގޮވާލައްވައިފައެވެ. މިއީ ނޫސްވެރިން ވެސް ކުރަމުންދާ މައިގަނޑު ޑިމާންޑެވެ. ނޫސްވެރިންނާއި މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށާއި ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް މި ބިލް އަނބުރާ ގެންދިއުމަށް އެދި ނޫސްވެރިން މިއަދު ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް ދިޔައެވެ.

އެކަމަކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިލް ބޭރުކުރާނެ ކަމުގެ ޔަގީންކަން ނުދެއްވާ، އެކަމާ ވިސްނާ ވަޑައިގަންނަވާނެ ކަމަށެވެ. އޭގެ ފަހުން ނޫސްވެރިންނާ ބައްދަލުކުރި އޭޖީ އުޝާމް ވިދާޅުވީ، ބިލް އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ބިލަށް އިސްލާހުތައް ގެނެސް އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މި ބިލް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ބަލައިގަނެފައެވެ. މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މި ބިލް މި މަހުގެ 15 ގެ ކުރިން ނިންމުމަށް މިއަދު ވަނީ ނިންމައިފައެވެ. މިކަމުން ދައްކާ ގޮތުގައި، ސަރުކާރުން ބޭނުންވަނީ ބިލް އަވަހަށް ފާސްކޮށް، މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ހޯދުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.