ސިވިލް ސަރވިސް ކޮމިޝަނަށް 3 އާ މެންބަރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެގޮތުން މަޖިލީހުން ފާސްކޮށްފައިވަނީ ޑރ. ދީބާ މޫސާ، ޑރ. ހުސައިން ފާއިޒު އަދި މުޙައްމަދު ނާސިހު ސީއެސްސީއަށް އައްޔަންކުރުމަށެވެ.
އެ ކޮމިޝަނުގެ ތިން މެންބަރުންގެ މަޤާމުގެ މުއްދަތު އަންނަ ސެޕްޓެންބަރު 3 ގައި ހަމަވާތީ، އެ މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 6 ކެންޑިޑޭޓުންގެ ނަން މަޖިލީހަށް ފޮނުއްވިއެވެ. މުއްދަތު ހަމަވާ މެންބަރުންނަކީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި މެންބަރުން މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފްއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން 6 ކެންޑިޑޭޓުން ދިރާސާކޮށް އިންޓަވިއުކުރުމަށްފަހު، 75 ޕަސަންޓަށްވުރެ މަތިން މާކްސް ލިބުނީ ތިން ކެންޑިޑޭޓުންނަށެވެ. އެއީ މ. ވައިޓްބެލް، ޑރ. ދީބާ މޫސާ (ދަފްތަރު ނަންބަރު: 1325)، ޑރ. ހުސައިން ފާއިޒު އަދި މ. ފަލްކަން، މުޙައްމަދު ނާސިހެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި، ޑރ. ދީބާ މޫސާއަށް އެންމެ ގިނަ 60 މެންބަރުން ތާއީދުކުރެއްވިއެވެ. ޑރ. ހުސައިން ފާއިޒަށް 54 މެންބަރުން ވޯޓުދެއްވި އިރު، މުޙައްމަދު ނާސިހަށް 52 މެންބަރުން ވޯޓުދެއްވިއެވެ. މި ތިން ބޭފުޅުންނަށްވެސް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ސީއެސްސީއަށް އައްޔަންކުރުމަށް ފާސްވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ މިނިވަން މުއައްސަސާއެކެވެ. ކޮމިޝަނުގެ މެންބަރެއްގެ މަޤާމުގެ މުއްދަތަކީ 5 އަހަރުދުވަހެވެ.
މިވަގުތު ކޮމިޝަނުގައި ތިއްބެވީ ރައީސް މުޙައްމަދު ނާޞިހާއި ނައިބު ރައީސް އަލްއުސްތާޛް މުޙައްމަދު މުޖްތާޒާއި މެންބަރުންގެ ގޮތުގައި މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފާއި ފާތިމަތު ހަބީބާއެވެ. މިތެރެއިން ނައިބު ރައީސް މުޙައްމަދު މުޖްތާޒާއި މެންބަރު ފާތިމަތު ހަބީބާގެ މުއްދަތު އަދި ހަމަނުވާތީ، އެ ދެ ބޭފުޅުން ކޮމިޝަނުގައި ދެމިތިއްބެވުމާއެކު، އާ މެންބަރުން އައްޔަންވުމުން ކޮމިޝަން އަލުން ފުރިހަމަވާނެއެވެ.
ކޮމެންޓު ފޮނުވާ