މިއަދުން ފެށިގެން ކުޑަކުދިންނަށް ވަޅި ވިއްކައިފިނަމަ އެއްލައްކަ ރުފިޔާއަށް ޖޫރިމަނާ ކުރެވޭނެ

މިއަދުން ފެށިގެން ކުޑަކުދިންނަށް ވަޅި ވިއްކައިފިނަމަ އެއްލައްކަ ރުފިޔާއަށް ޖޫރިމަނާ ކުރެވޭނެ

Author
ޙަސަން މުޙައްމަދު
25 އޮގަސްޓް 2025 10:33
0

ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފައިވާއިރު، 18 އަހަރުން ދަށުގެ ކުދިންނަށް ވަޅި ވިއްކާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތައް ކުރެވޭނެކަމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ބުނެފިއެވެ.

މި ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ވަޅި ވިއްކާ އެއްވެސް ފަރާތަކަށް 20،000 ރުފިޔާއިން ފެށިގެން އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މި ޤާނޫނުގެ ދަށުން މިއަދުން ފެށިގެން ކުޑަކުދިންނަށް ވަޅި ވިއްކުން ކަނޑައެޅިގެން މަނާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުން މި ޤާނޫނު ފާސްކޮށްފައިވަނީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގުކުރެއްވީ އެމަހުގެ 25 ވަނަ ދުވަހުއެވެ. ބިލު ތަސްދީގުކުރެއްވުމާއެކު ރައީސް ވިދާޅުވެފައިވަނީ، މި ސަރުކާރުން މި ޤާނޫނު ތަންފީޒުކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށާއި، މޫނަކަށް ކަނދުރާއަކަށް ނުބަލައި ހަރުދަނާކަމާއެކު ތަންފީޒުކުރާނެކަމަށެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ ކުށްތަކަށް އަދަބު ކަނޑައެޅުމާއި، ކުށްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްސަ ބާރުތައް ދިނުން ހިމެނެއެވެ. އަދި ކުށުގެ ވެށިން ކުދިން ރައްކާތެރިކޮށް، މުޖުތަމައުއަށް ހެޔޮގޮތުގައި ރުޖޫއަވުމަށް މަގުފަހިކުރުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި، ކުށްކުރާ ފަރާތްތައް މޮނިޓަރކޮށް ފިޔަވަޅު އެޅޭނެ އުސޫލުތައް ކަނޑައެޅުން ވެސް ހިމެނެއެވެ.

މި ޤާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ފުޅާ ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ ބާރާއި، ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު ހިމެނެއެވެ. ހަމައެއާއެކު ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ، ހައްޔަރުކުރާތާ 48 ގަޑިއިރު ވަންދެން ވަކީލަކާ އެކަހެރިކޮށް ބައްދަލުނުކުރެވޭ ގޮތަށް ބެހެއްޓުމުގެ ބާރު ވެސް ލިބިދީފައިވެއެވެ.

މި ޤާނޫނުގައި ހަރުކަށި އަދަބުތައް ހިމަނައިފައިވާއިރު، 10 އަހަރަށްވުރެ ގިނަ މުއްދަތަކަށް ޖަލަށްލުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ހިމެނެއެވެ. ފުލުހުން ބުނާގޮތުގައި އެކި ސަރަހައްދުތަކުގައި 18 އަހަރު ނުފުރޭ ފިރިހެން ކުދިން ގްރޫޕްހަދައިގެން އެއްވެތިބުން އިތުރުވެފައިވާއިރު، މިކަމަށް ބެލެނިވެރިން ސަމާލުވުމަށް މިދިޔަ ހަފުތާގައި އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.