އިމިގްރޭޝަން އޮފިސަރުންނަށް ހެދިގެން ގެއަކަށް ވަދެ ބިދޭސީއެއްގެ އަތުން ފައިސާއާއި ފޯނު ފޭރުނު ތުހުމަތުގައި ކުރިން ހައްޔަރުކުރެވުނު މީހަކު، ފިހާރައަކުން ތިން ޗޮކްލެޓް ވަގަށް ނެގުމުގެ ތުހުމަތުގައި އަލުން ހައްޔަރުކޮށްފައިވެއެވެ.
ގ. ބެރުގެ، މުހައްމަދު ނަވީން ހައްޔަރުކުރެވުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިމިގްރޭޝަންގެ އޮފިސަރުންގެ ގޮތުގައި ހަދައިގެން އެހެން ބަޔަކާ ގުޅިގެން ބިދޭސީން ދިރިއުޅޭ ތަނަކަށް ވަންނަ ބަންގްލަދޭޝް ރައްޔިތެއްގެ އަތުން 9،000 ރުފިޔާއާއި ފޯނެއް ފޭރުނު މައްސަލައެއްގައެވެ. ނަމަވެސް އޭނާ ދޫކޮށްލުމަށްފަހު މިފަހަރު ހައްޔަރުކުރެވުނީ ފިހާރައަކުން ޗޮކްލެޓް ވަގަށް ނެގި ކަމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގައި ބުނެފައިވާ ގޮތުން، ނަވީން ޗޮކްލެޓް ނަގައިގެން ދިޔައީ ފައިސާ ނުދައްކައި ދިއުމުގެ ނިޔަތުގައި ނޫން ކަމަށާއި، ފިހާރައިގެ ބޭރުގައި ތިބި މީހެއްގެ އަތުން ފައިސާ ބަލާލުމަށް ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް ކޯޓުން އޭނާގެ ބަންދު 15 ދުވަހަށް އިތުރުކޮށްފައިވެއެވެ.
ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، ނަވީންއަކީ ވައްކަމުގެ މައްސަލަތަކުގައި ކުރިންވެސް ހައްޔަރުކޮށްފައިވާ، ބަންދުގެ ރެކޯޑު ގިނަ މީހެކެވެ. މި މައްސަލާގައި އޭނާ ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާކަމަށް ބުނެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ