އިންޑިއާގެ ޕާލިމަންޓުން އޮންލައިން ޖުވާ ކުޅުން މަނާކުރާ ގާނޫނެއް ފާސްކޮށްފިއެވެ. މި ގާނޫނުގެ ދަށުން އޮންލައިން ކާޑް ގޭމްސް، ޕޯކާ އަދި ފެންޓަސީ ސްޕޯޓްސް ޕްލެޓްފޯމްތަކަށް ވަދެވޭމަގު ބަންދުވާނެއެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންޑިއާގައި އަހަރަކު 450 މިލިއަން މީހުން އޮންލައިން ޖުވާ ކުޅުމުގައި 2.3 ބިލިއަން ޑޮލަރު ހަރަދުކުރެއެވެ. މި ގާނޫނުގެ ސަބަބުން އިންޑިއާގައި ވަރަށް މަގުބޫލު ފެންޓަސީ ކްރިކެޓް އެޕްލިކޭޝަންތަކަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.
އޮންލައިން ގޭމިންގެ ޕްރޮމޯޝަނާއި ގަވާއިދުކުރުމުގެ ބިލުގައި ބުނާގޮތުން، އޮންލައިން ޖުވާ ގޭމްތައް ހުށަހެޅުމާއި، ޕްރޮމޯޓްކުރުމާއި، ފައިނޭންސްކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. މި ކުށް ސާބިތުވާ ފަރާތްތަކަށް ގިނަވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ކުރެވޭނެއެވެ.
އަލްޖަޒީރާގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާގޮތުން، މި ގާނޫނުގެ ސަބަބުން އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ މައި ސްޕޮންސަރޝިޕްތަކާ މެދު ވެސް ސުވާލު އުފެދިފައިވެއެވެ. އެއީ ބައެއް ބޮޑެތި ސްޕޮންސަރުންނަކީ ފެންޓަސީ ގޭމިން ކުންފުނިތައް ކަމުންނެވެ.
އިންޑިއާގެ އެންމެ ބޮޑު ފެންޓަސީ ސްޕޯޓްސް ޕްލެޓްފޯމް ކަމުގައިވާ ޑްރީމް11 އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ގާނޫނު ފާސްވުމާ ގުޅިގެން ކޭޝް ގޭމްތަކާއި މުބާރާތްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އެހެންނަމަވެސް ޔޫޒަރުންނަށް ޕްލެޓްފޯމްގައި ތިބުމަށް ހިތްވަރު ދޭކަމަށް އެ ކުންފުނިން ބުންޏެވެ.
މި ގާނޫނު ޕާލިމަންޓުގެ ދެ މަޖިލީހުން ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވާހާ ހިނދަކު އަމަލުކުރަން ނުފެށޭނެއެވެ. މިހާތަނަށް ރައީސް މި ބިލުގައި ސޮއިކުރައްވާފައި ނުވާތީ، އަދިވެސް މިފަދަ ޕްލެޓްފޯމްތައް އިންޑިއާގައި ބޭނުންކުރެވެމުން ދެއެވެ.
ކޮމެންޓު ފޮނުވާ