އއ. އަތޮޅު ކައުންސިލުގެ އެސްޖީ މުހައްމަދު ޝަފީގު ސަސްޕެންޑުކޮށްފި

އއ. އަތޮޅު ކައުންސިލުގެ އެސްޖީ މުހައްމަދު ޝަފީގު ސަސްޕެންޑުކޮށްފި

Author
ޙަސަން މުޙައްމަދު
20 އޮގަސްޓް 2025 03:56
0

އއ. އަތޮޅު ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ޝަފީގު މިދިޔަ ހޯމަ ދުވަހު މަގާމުން ސަސްޕެންޑުކޮށްފައިވާ ކަމަށް އެނގިއްޖެ އެވެ. 2021 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުންނެވި ޝަފީގު ސަސްޕެންޑުކުރި ސަބަބު ސާފުކޮށް އަންގާފައެއް ނުވެ އެވެ.

ޝަފީގުއަށް ފޮނުވި ސަސްޕެންޝަން ލިޔުމުގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީ ކަމަށެވެ. ނަމަވެސް ކޮން މައްސަލައަކާ ގުޅިގެން ކަން ސީދާ ބަޔާންކޮށްފައެއް ނުވެ އެވެ. އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުސާރަ ލިބޭ ގޮތަށް ޝަފީގު ސަސްޕެންޑުކޮށްފައިވާ ކަމަށް ލިޔުމުގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން 'ދައުރު’އަށް ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ، އޮފީހުގައި ހުންނަވަނިކޮށް ސަސްޕެންޑުކުރިކަން އެނގިވަޑައިގަތް ކަމަށާއި، އެ ދުވަހުން ފެށިގެން އޮފީހަށް ނުނުކުތުމަށް ލިޔުމުގައި އަންގާފައިވާ ކަމަށެވެ. މި ފިޔަވަޅަކީ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.

އެމްޑީޕީގެ ކެމްޕެއިންތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޝަފީގު ވިދާޅުވި ގޮތުގައި، ސިޔާސީ މަސައްކަތް ކުރައްވަނީ ރަސްމީ މަސައްކަތުގެ ވަގުތުން ބޭރުގައި ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ އަތޮޅު ކައުންސިލުގެ ރައީސްކަމާއި މެމްބަރުކަން ވެސް ކުރިން ކުރައްވާފައިވާ ކަމަށް ޝަފީގު ފާހަގަކުރެއްވި އެވެ.

"ސޯޝަލް މީޑިއާގައި އަޅުގަނޑު ޕޯސްޓުކުރަނީ ވެސް މަސައްކަތު ގަޑިން ބޭރުން. އެހެންވީމާ މީގައި ފިޔަވަޅު އަޅަންޖެހޭ ސަބަބެއް ނެތް،" ޝަފީގު ވިދާޅުވި އެވެ.

ޝަފީގު ސަސްޕެންޑުކުރި ވަގުތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ކަން ފާހަގަކުރެވެ އެވެ. މި ދަތުރުފުޅާ ގުޅިގެން ސަރުކާރަށް ފާޑުކިޔާ ޕޯސްޓުތަކެއް ޝަފީގު ސޯޝަލް މީޑިއާގައި ކުރައްވާފައިވި ނަމަވެސް، ސަސްޕެންޑުކުރީ ސީދާ އެކަމާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އޭގެ ކުރިން ވެސް ސަރުކާރާ ދެކޮޅަށް ޝަފީގު ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރައްވާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.