ސިވިލް ސަރވިސް ކޮމިޝަނުގެ ހުސްވާ 3 މަގާމަށް މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި 5 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި މެންބަރުން މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3ވަނަ ދުވަހު ހަމަވާތީ، އެ މަގާމުތަކަށް އައު މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވާފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ. މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މުއްދަތު ހަމަވުމުގެ ކުރިން އެ މަގާމަށް އައު މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވަން ޖެހެއެވެ.
ރައީސް މުޢިއްޒު ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކަކީ މުޙައްމަދު ނާސިހު (މ. ފަލްކަންގެ)، ޑރ. ހުސައިން ފާއިޒު (ދަފްތަރު ނަންބަރު: 1325)، ޑރ. ދީބާ މޫސާ (މ. ވައިޓްބެލް)، އަލްއުސްތާޛާ ބަދުރިއްޔާ މޫސާ (ދަފްތަރު ނަންބަރު: ރސ 2414)، ޑރ. ފާތުމަތު މުނާ (ވާދީއާގެ ގއ. ވިލިނގިލި) އަދި އައިމިނަތު އުއްމުކުލްޘޫމް (މޫންލައިޓް ހައުސް، ސ. މަރަދޫ) އެވެ.
މި ނަންތައް ހުށަހެޅިފައިވަނީ ކޮމިޝަނުގެ މަގާމުތަކަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންގެ ތެރެއިންނެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ނަންތައް ދިރާސާކޮށް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ވޯޓަކުން ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުން ކޮމިޝަނަށް އައްޔަން ކުރައްވާނެއެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ މަގާމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. މިވަގުތު ކޮމިޝަނުގައި ތިއްބެވީ ރައީސް މުޙައްމަދު ނާޞިހް، ނައިބު ރައީސް އަލްއުސްތާޛް މުޙައްމަދު މުޖްތާޒް، މެންބަރުން މުޙައްމަދު ފަރުޞަތު، ފާތިމަތު ޝަރީފް އަދި ފާތިމަތު ހަބީބާއެވެ. މީގެ ތެރެއިން ތިން ބޭފުޅުންގެ މުއްދަތު އަންނަ މަހު ހަމަވާއިރު، ނައިބު ރައީސް މުޖްތާޒާއި މެންބަރު ފާތިމަތު ހަބީބާގެ މަގާމުގެ މުއްދަތު އިތުރަށް ދެމިއޮންނާނެއެވެ.
ކޮމެންޓު ފޮނުވާ