ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ލާމަރުކަޒީ ޤާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކަކީ އެ ނިޒާމު ޗެމްޕިއަން ކުރުމަށްޓަކައި ކޮންމެހެން ގެންނަން ޖެހިފައިވާ ބަދަލުތަކެއް ކަމަށެވެ.
މިއަދު ޤާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި ފަދައިން މި އިސްލާހުތަކަކީ ރާއްޖޭގެ މިހާރުގެ ހާލަތުގައި ނުހަނު މުހިންމު ބަދަލުތަކެއް ކަމަށެވެ. އިންތިޚާބުތަކާ ގުޅިގެން ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ބޭނުމުގައި ރަށްރަށުގެ ބިންތައް ދޫކުރުމާއި، ދައުލަތުގެ މާލިއްޔަތަށް ބުރޫއަރާ ގޮތަށް ގިނަ މުވައްޒަފުން ނެގުމުގެ ފުރުސަތު ކައުންސިލްތަކަށް ދޭންޖެހޭ ކަމަށް ޤާސިމް ނުދެކެއެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ބ. ދަރަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މި އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، އެ ނިޒާމު ޗެމްޕިއަން ކުރުމަށް ގެންނަންޖެހޭ ބަދަލުތަކެއް ކަމަށެވެ. އަދި މި އިސްލާހުތަކުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާކަން ރައީސް ފާހަގަކުރައްވާ، މިސާލުތަކާއެކު ކަމުގެ ތަފުސީލު ބަޔާންކޮށްދެއްވާފައި ވެއެވެ.
ޤާސިމް އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ރަށެއްގެ ތަރައްޤީގެ ޕްލޭނަކީ ރައްޔިތުންގެ މަޝްވަރާއާއެކު ފާސްކުރާ އެއްޗަކަށް ވާންޖެހޭއިރު، އިންތިޚާބުތަކާ ގުޅިގެން ސިޔާސީ މަންފާއަށްޓަކައި އެ ޕްލޭންގައި ނެތް ކަންކަން ކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެން ނުވާނެއެވެ. މިފަދަ ޢަމަލުތަކުން ޤައުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރިތަކަށް ތިން ޝަރުތު ކަނޑައެޅިފައިވާ ކަމަށް ޤާސިމް ބަޔާންކުރެއްވިއެވެ. މީގެ ތެރޭގައި، މިފަދަ ވިޔަފާރިތަކުން އެ ރަށެއްގައި އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރިތަކަށް އުނދަގޫ ނުވާގޮތަށް ޢަމަލުކުރަންޖެހޭނެ ކަމުގެ ޝަރުތު ހިމެނިފައިވެއެވެ. މިގޮތަށް ޢަމަލުކުރުމުން ފައިދާވާނީ ރަށުގެ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
މިހާރުގެ ކައުންސިލްތަކުގެ ދައުރު 2026 ވަނަ އަހަރުގެ މޭ މަހުގައި ނިމުމަކަށް އަންނާނެ ކަމަށާއި، ދައުރުގެ ބާކީ އޮތީ 10 މަސްދުވަސް ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. ކައުންސިލްތަކުގެ އިޚްލާސްތެރިކަން ހުންނަންޖެހޭނީ ޤާނޫނުއަސާސީގައި ބަޔާންކުރާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް ކަމަށާއި، މި އިސްލާހުތަކުގެ ހަގީގީ ފައިދާ ކުރާނީ ސަރުކާރަށް ނޫން، ރައްޔިތުންނަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި އޮނިގަނޑާ ފުށުއަރާ ގޮތަށް އެއްވެސް ޤާނޫނެއް ހެދިފައި އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމުގައި ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ