ލ. ފޮނަދޫން ގަމަށް ދަތުރު ކުރި ސައިކަލެއް ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި މައްސަލައިގައި ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.
މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ 7:18 ހާއިރުއެވެ. މި އެކްސިޑެންޓްގައި ޒިބްރާ ކްރޮސްއިން ހުރަސް ކުރި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދިން އިރު އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. ގަން ރީޖަނަލް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ އެމީހާ ނިޔާވެފައިވާކަމަށެވެ.
މިމައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ ، ހޯރަވިލާ އުމުރުން 37 އަހަރުގެ މުހައްމަދު ނައުސާން އެވެ.
ނައުސާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހާޒިރުކުރުމުން، ކޯޓުން އަމުރުކުރީ އޭނާ 15 ދުވަހަށް ބަންދުކުރުމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ