ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ ޖުލައި މަހު ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްވެގެން ފަރުވާ ހޯދި ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުގެ ދަށުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ އޭޖެންސީން ހާމަކޮށްފިއެވެ.
އެންސްޕާއިން އިއްޔެ ހާމަކުރި ތަފްސީލުތަކުން ދައްކާގޮތުގައި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުން ޖުލައި މަހު ފަރުވާ ހޯދި 575 މީހުންނަށް ޖުމްލަ 8,292,852.87 ރުފިޔާ ދޫކޮށްފައިވެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި 216 ބަލިމީހުންނަށް 3,748,201.33 ރުފިޔާ ދޫކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަވެފައިވަނީ ކާޑިއޯވެސްކިއުލާ ބަލިތަކުގެ ފަރުވާއަށެވެ. ކާޑިއޯވެސްކިއުލާގެ ފަރުވާ ހޯދި 13 ބަލިމީހުންނަށް އެކަނިވެސް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވެއެވެ. މައިބަދަ އަދި ނާރުގެ ފަރުވާ ހޯދި 12 ފަރާތަކަށް 462,256.87 ރުފިޔާ ދޫކޮށްފައިވާއިރު، ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ހޯދި 14 ކުދިންނަށް 402,859.63 ރުފިޔާ ދޫކޮށްފައިވެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ހާލަތަށް ބަލާއިރު، 359 ބަލިމީހުންނަށް ޖުމްލަ 4,544,651.54 ރުފިޔާ ދޫކޮށްފައިވެއެވެ. މި ހޮސްޕިޓަލުގައި އެންމެ ގިނަ ފައިސާ ހޭދަވެފައިވަނީ ކަށީގެ ބަލިތަކުގެ ފަރުވާއަށް ކަމަށްވާއިރު، 52 ބަލިމީހުންނަށް 1.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ވިހެއުމާ ގުޅޭ ފަރުވާތަކަށް 78 ފަރާތަކަށް 1 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ކުޑަކުދިންގެ ބަލިތަކުގެ ފަރުވާއަށް 19 ކުދިންނަށް 441,419.66 ރުފިޔާ ދޫކޮށްފައިވެއެވެ.
އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމަކީ ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ބަލިމީހުންނަށް ފަރުވާގެ ޚަރަދުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ