ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލެއް އިމާރާތްކުރަން ދީފައިވާ ބިމާއި މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ދީފައިވާ ބިން ބޭނުންކުރާ ފަރާތްތަކާ ވެފައިވާ އެއްބަސްވުންތަކުގެ ކޮޕީ ހިއްސާކުރުމަށް އެދި މިއަދު ދެ އިއުލާނެއް ނެރެފިއެވެ.
އެފްއޭއެމްގެ އާ އެކްސްކޯގެ ދެވަނަ ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ ތެރެއިން، ކުރިން ދީފައިވާ ހުޅުމާލޭގެ ފުޓްބޯޅަ ސްކޫލް ބިމާއި މާފަންނު ސްޓޭޑިއަމް ބިމުގެ މައްސަލަ ހައްލުކުރުމަށް ތަފުސީލުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްއިން ބުނެއެވެ.
މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާ ޚަރަދުގައި ސްޕޯޓްސް އެރީނާއަކާއި އޮފީސް އިމާރާތެއް އެޅުމަށް 50 އަހަރަށް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްއަށް ދީފައިވާ ބިމުން ސަބްލީސް ކޮށްފައިވާ ފަރާތްތަކާ ވެފައިވާ އެއްބަސްވުންތައް 24 އޮގަސްޓް 2025 ގެ މެންދުރުފަހު 2:30 ގެ ކުރިން ހިއްސާކޮށްދިނުމަށް އެދިފައިވެއެވެ. މީގެ އިތުރުން، މިއަދުން ފެށިގެން އެ އިމާރާތްތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، ބިމުގައި އިތުރު އިމާރާތެއް ނުކުރުމަށްވެސް އަންގާފައިވެއެވެ.
އެޗްޑީސީން 2018 ވަނަ އަހަރު ހުޅުމާލެއިން އެފްއޭއެމަށް ދިން 230,000 އަކަފޫޓުގެ ބިމަކީ އެލީޓް ފުޓްބޯޅަ ސްކޫލެއް ހެދުމަށް ދިން ބިމެކެވެ. ނަމަވެސް އެ ބިމުގައި ފުޓުބޯޅަ ސްކޫލެއް އަޅާފައިނުވާ އިރު، 2022 ވަނަ އަހަރު އެފްއޭއެމްއިން އެ ބިން ވިޔަފާރިތަކަށް ސަބްލީސް ކޮށްފައިވެއެވެ. އެއީ އެފްއޭއެމްއިން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ބަދަލެއްގެ ގޮތުގައި ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އެ ބިމުގެ ކުލި އެޗްޑީސީއަށް ދައްކާފައި ނުވާތީ މިހާރު އެ މައްސަލަ އޮތީ ސިވިލް ކޯޓުގައެވެ.
އެފްއޭއެމްއިން ވަނީ ހުށަހަޅާ އެއްބަސްވުންތަކާއި ލިޔެކިޔުންތަކުގެ ސައްހަކަމާމެދު ޝައްކު އުފެދިއްޖެނަމަ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ސައްހަކަން ކަށަވަރުކުރާނެ ކަމަށް އިންޒާރުދީފައެވެ.
ކޮމެންޓު ފޮނުވާ