މުޅި ޣައްޒާ ހިފުމަށް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ނިންމައިފި

މުޅި ޣައްޒާ ހިފުމަށް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ނިންމައިފި

Author
ޙަސަން މުޙައްމަދު
08 އޮގަސްޓް 2025 08:43
0

ޣައްޒާ ސިޓީ އެއްކޮށް އަސްކަރީ ގޮތުން ބާރުގެ ދަށަށް ގެނައުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހެޅި ހުށަހެޅުން އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ފާސްކޮށްފިއެވެ. ބުރާސްފަތި ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި ފާސްކުރެވުނު މި ނިންމުމަކީ ހަމާސް ޖަމާއަތް ފުރިހަމައަށް ނައްތާލައި، ޣައްޒާގެ ކޮންޓްރޯލް އިސްރާއީލުން ނެގުމަށް ރާވާފައިވާ ޕްލޭނެކެވެ.

ސްކައި ނިއުސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ނަތަންޔާހޫ ދެކޭގޮތުގައި މި ފިޔަވަޅަކީ އިސްރާއީލުގެ ސަލާމަތާއި ޣައްޒާގެ ރައްޔިތުންނަށް ހަމާސްގެ ބާރުން މިނިވަންކަން ހޯދައިދިނުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެހެންނަމަވެސް މި ނިންމުމާ ދެކޮޅަށް އިސްރާއީލުގެ އެތެރެއާއި ބޭރުން ވަރުގަދަ އިންތިޤާދުތަކެއް ވަނީ އަމާޒުވެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އެޔާލް ޒަމީރު ވަނީ މި ޕްލޭނާ ދެކޮޅަށް ސީދާ އިންޒާރެއް ދީފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޣައްޒާ މުޅިން ހިފުމުގެ އޮޕަރޭޝަނަކީ ހަމާސްގެ އަތުގައި ތިބި 20 އަށްވުރެ ގިނަ އިސްރާއީލު ރަހީނުންގެ ހާލަތު އިތުރަށް ނާޒުކުވެ، އެމީހުންގެ ފުރާނައަށް ސީދާ ނުރައްކާ ކުރިމަތިވާނެ ކަމެކެވެ. މީގެ އިތުރުން އިސްރާއީލުގެ ދިފާއީ ބާރުތަކަށް ކުރިން ނެތް ބުރައެއް އުފުލަންޖެހޭނެ ކަމަށްވެސް އޭނާ އިންޒާރު ދިނެވެ.

ރަހީނުންގެ އާއިލާތަކުންވެސް މި ނިންމުމާ ދެކޮޅަށް ވަނީ ހަރުކަށި ފާޑުކިޔުން އަމާޒުކޮށްފައެވެ. ރަހީނެއްގެ މައްބަފައިން ކަމުގައިވާ އައިނާވް ޒަންގައުކާ ވިދާޅުވި ގޮތުގައި، ނަތަންޔާހޫ ވަނީ ރަހީނުން ސަލާމަތްކޮށް ގެނައުމަށް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވައުދުވެފައި ނަމަވެސް، މިފަދަ ބޮޑު އަސްކަރީ އޮޕަރޭޝަނަކުން ރަހީނުންނާއި އަސްކަރިއްޔާގެ ސިފައިން ދެފަރާތަށްވެސް ނުރައްކާވާނެ ކަމަށެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުންވެސް މި ނިންމުމަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޖޯޑަންގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަރަބި ދުނިޔެއިން ގަބޫލުކުރާނީ ފަލަސްތީނުގެ ރައްޔިތުން އަމިއްލައަށް އެއްބަސްވާ ކަންކަން ކަމަށާއި، ޣައްޒާގެ ސަލާމަތާއި ވެރިކަމުގެ ކަންކަން ބަލަހައްޓަންވާނީ ފަލަސްތީނުގެ ޝަރުޢީ މުއައްސަސާތަކުން ކަމަށެވެ. އަރަބި ގައުމުތަކުން އިސްރާއީލުގެ އެއްވެސް ފަރާތަކުން ޣައްޒާ ހިންގުމަށް ތާއީދެއް ނުކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ނިންމުމަކީ ޣައްޒާގައި ކުރިއަށްދާ ހަނގުރާމައިގައި އައު ބަދަލެއް ގެނެސްދޭނެ ނިންމުމެއް ކަމަށް ބެލެވޭ އިރު، މިކަމުގެ ސަބަބުން ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވެ، އިންސާނީ ކާރިސާ އިތުރަށް ބޮޑުވާނެ ކަމުގެ ބިރު އުފެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.