ފިޔޯރީގައި ރުކެއް ކަނޑަމުން ދަނިކޮށް 38 އަހަރުގެ ފިރިހެނަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ

ފިޔޯރީގައި ރުކެއް ކަނޑަމުން ދަނިކޮށް 38 އަހަރުގެ ފިރިހެނަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ

Author
ހުސައިން
07 އޮގަސްޓް 2025 12:13
0

ގދ. ފިޔޯރީގައި ރުކެއް ކަނޑަމުން ދަނިކޮށް ހިނގި ހާދިސާއެއްގައި 38 އަހަރުގެ ފިރިހެނަކަށް ބޮޑު އަނިޔާތަކެއް ލިބި، އިތުރު ފަރުވާއަށް މާލެ ގެންދަން ޖެހިއްޖެއެވެ.

އިއްޔެ ހަވީރު ހިނގި މި ހާދިސާގައި އަނިޔާ ލިބުނީ ފިޔޯރީގެ ގަސްކަރަ އަނީދު ސައީދު (އަނީ) އަށެވެ. ފިޔޯރީ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، ރުއް ކަނޑަން މަތީގައި ވަލެއް އައްސާ، އެއްބަޔަކު އެ ވާ ހިފަހައްޓައިގެން ތިބި ނަމަވެސް، އެންމެ ފަހަތުގައި ތިބި އަނީދުގެ ފައިގައި ވާ އޮޅިފައި، އޭނާއަށް އެކަން އެނގިފައި ނުވާ ކަމަށެވެ.

ރުއް ވައްޓާލި ވަގުތު، ވަލުގައި އޮޅިފައި ހުރި އަނީދު ދުރަށް ވިއްސައިގެން ގޮސް، މޭކަށިގަނޑު ބިނދި، ގިނަ އަނިޔާތަކެއް ލިބުނު ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ހާދިސާ ހިނގުމާ އެކު އަނީދު ފުރަތަމަ ގެންދިޔައީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކަމަށާއި، އޭނާއަށް ލިބުނު އަނިޔާތަކުގެ ކުޑަބޮޑުމިނަށް ބަލައި، އިތުރު ފަރުވާއަށް މާލެ ގެންދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރުއް ކަނޑުމުގެ މަސައްކަތްތައް ކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށާއި، މިފަދަ ހާދިސާތައް ތަކުރާރުވަމުން ދާތީ، އިތުރު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މީގެ ކުރިން ވެސް ރުއް ކަނޑުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެކި ފަހަރު މަތިން ނުރައްކާތެރި ހާދިސާތައް ހިނގި، މީހުންނަށް އަނިޔާތައް ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.