ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިވެހިރާއްޖޭގައި ބީޗް ސޮކާ ރަސްމީކޮށް ތަޢާރަފްކޮށް، 2026 ވަނަ އަހަރު ބާއްވާ އޭއެފްސީ ބީޗް ސޮކާ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ބައިވެރިވާން ނިންމައިފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު އެފްއޭއެމްގެ ރިޔާސަތަށް ހޮވުނު، ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ ބެލުމުގެ ދަށުން ބޭއްވި އެކްސްކޯގެ ދެވަނަ ބައްދަލުވުމުގައި މި ނިންމުން ފާސްކުރެވުނެވެ. ހުރިހާ ކްލަބްތަކެއްގެ ފުރިހަމަ ތާއީދާއެކު ރިޔާސަތަށް ހޮވިވަޑައިގަތް ތޯރިގު، ވަރުގަދަ އިދާރީ ޓީމަކާއެކު މި މުހިންމު ބަދަލުތައް ގެނައުމަށް މަސައްކަތް ވަނީ ފަށާފައެވެ.
އެކްސްކޯގެ ބައްދަލުވުމުގައި ބީޗް ސޮކާއާއި ފުޓްސަލް ތަރައްގީކުރުމަށް ޚާއްސަ ކޮމިޓީއެއް އުފައްދާފައިވެއެވެ. މި ކޮމިޓީގެ ޗެއާޕާސަނަކީ މުޖުތަބާ ޖަލީލް ކަމަށްވާއިރު، ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ފުރުއްވާނީ އިމްރާން މުހައްމަދު (އިއްމަ) އެވެ. މީގެ އިތުރުން ކޮމިޓީގައި ހުސައިން ނިހާދާއި އަބްދުﷲ ޝައްފާން ހިމެނެއެވެ.
އެފްއޭއެމްގެ 2026 ވަނަ އަހަރުގެ ކަލަންޑަރު ބަލާލާއިރު، އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ގައުމީ ފެންވަރުގައި ފުރަތަމަ ބީޗް ސޮކާ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތުން ގައުމީ ޓީމު ތައްޔާރުކުރުމަށްފަހު، މޭ މަހު އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖޭގެ ޓީމު ބައިވެރިވާނެއެވެ.
ދެ އަހަރުން އެއް އަހަރު ބާއްވާ އޭޝިއާގެ ބީޗް ސޮކާ ޗެމްޕިއަންޝިޕް މިއަހަރު ތައިލެންޑުގައި ކުރިއަށް ގެންދެވުނުއިރު، ދެން މި މުބާރާތް އޮންނާނީ 2027 ވަނަ އަހަރުއެވެ. އެހެންކަމުން ރާއްޖެއިން 2026 ގައި ކޮލިފައިވެއްޖެނަމަ، 2027 ގެ މައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
ގުދުރަތީ ގޮތުން ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށްތައް ލިބިފައިވާ ރާއްޖޭގައި، ކުރީ ޒަމާނުގައިވެސް ބައެއް ރިސޯޓުތަކުގައި ބީޗް ސޮކާ ކުޅެމުން އައިސްފައިވީނަމަވެސް، މިއީ ގައުމީ ފެންވަރުގައި ރަސްމީކޮށް މި ކުޅިވަރު ފެށުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. އެފްއޭއެމްގެ މި ނިންމުމާއެކު ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ފުޅާވެ، ބައިނަލްއަގްވާމީ ފެންވަރުގައި އާ ކުޅިވަރެއްގައި ރާއްޖެ ތަމްސީލުކުރާނެ މަގު ހުޅުވިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ