މަނަދޫ ސްކޫލްގެ މަސައްކަތް ލަސްވަނީ ފައިސާ ނުލިބޭތީ: ކޮންޓްރެކްޓަރު

މަނަދޫ ސްކޫލްގެ މަސައްކަތް ލަސްވަނީ ފައިސާ ނުލިބޭތީ: ކޮންޓްރެކްޓަރު

Author
ހުސައިން
05 އޮގަސްޓް 2025 08:07
0

ނ. މަނަދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ލަސްވަމުންދަނީ ސަރުކާރުން ފައިސާ ނުލިބޭތީ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ. މި ކުންފުންޏަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ އެމްޑީއަކަށް ހުންނަވާ ކުންފުންޏެކެވެ.

މިދިޔަ ހަފުތާގައި ރައީސް މުއިއްޒު މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވިދާޅުވީ، ސްކޫލް އިމާރާތުގެ މަސައްކަތަށް ސަރުކާރުން ފައިސާ ދީފައިވާ ކަމަށާއި މަސައްކަތް ލަސްވަނީ ކޮންޓްރެކްޓަރުގެ އިހުމާލުން ކަމަށެވެ. އަދި ފަހު ފުރުސަތު ދިނުމަށްފަހު ކޮންޓްރެކްޓަރު ވަކިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިމްސް ކޮންސްޓްރަކްޝަނުން ބުނި ގޮތުގައި، އެ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ޑިސެމްބަރު 22ގައެވެ. ނަމަވެސް ސައިޓާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުކުރުމަށްފަހު މަސައްކަތް ފެށުނީ 2023 ޖެނުއަރީ 10ގައެވެ. މިހާތަނަށް މަސައްކަތް ފެށުނުތާ ދެ އަހަރާއި ހަ މަސްދުވަސް ވެފައިވާއިރު، ޕްރޮޖެކްޓު ނިންމަންޖެހޭ މުއްދަތް އަދި ހަމަވެފައި ނުވާ ކަމަށް ކުންފުނިން ބުންޏެވެ.

ކުންފުނިން ބުނި ގޮތުގައި މިހާތަނަށް މަސައްކަތަށް ލިބިފައިވަނީ 12.6 މިލިއަން ރުފިޔާއެވެ. އަދި މަސައްކަތް ނުނިމިގެން ބިލު ނުކުރެވޭތީ 2.8 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އެންމެ ފަހުން ކުރެވުނު ބިލަށް ފައިސާ ލިބުނީ ތިން މަސް ފަހުން ކަމަށް ކުންފުނިން ބުނެއެވެ.

ނުކުރާ މަސައްކަތަކަށް ފައިސާ ދިނުމަކީ ފިނޭންސް މިނިސްޓްރީއިން ކުރާ ކަމެއް ނޫން ކަމަށާއި، މަސައްކަތް ނިމިފައިވާކަން ފޮޓޯއާއެކު ކަށަވަރުކުރުމަށްފަހު ފައިސާ ދޫކުރާ ކަމަށް މިމްސް ކޮންސްޓްރަކްޝަނުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.