ހުޅުމާލޭ ހޮސްޕިޓަލުގައި ހުސްކޮށް ހުރި ބިމުގައި 250 އެނދުގެ އައު އިމާރާތެއް ބިނާކުރުމަށް ނިންމާފައިވާކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި ޕްރޮޖެކްޓްގެ ޕްލޭނިން މަރުޙަލާ މިހާރު ކުރިއަށްދާކަމަށެވެ.
ރައްޒާގު ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީ އަދި އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ގުޅިގެން މަސައްކަތްކުރަމުންދެއެވެ. އިތުރުކުރަން ހަމަޖެހިފައިވާ 10 ފަންގިފިލާގެ އިމާރާތުގައި 250 އެނދުގެ އިތުރުން ޕްރައިވެޓް ރޫމުތަކެއްވެސް ހިމެނޭނެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ކުރަމުންދާ އިތުރު ތަރައްގީގެ މަސައްކަތްތަކުގެ ތެރޭގައި 28 އެނދުގެ ވޯޑެއް ތަރައްގީކުރުން ހިމެނޭކަމަށް ރައްޒާގު ފާހަގަކުރިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ވޯޑް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމޭނެއެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އެހެން ހޮސްޕިޓަލްތަކުގެ ތަރައްގީއަށްވެސް ބޮޑު އިސްކަމެއް ދެމުންދާކަމަށް ރައްޒާގު ވިދާޅުވިއެވެ. އައިޖީއެމްއެޗްގެ ވޯޑްތައް އެއާ ކޮންޑިޝަންކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާއެކު، ކާޑިއޯތޮރެސިކް ސަރޖަރީއާއި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތްތައް ފެށުމަށްވެސް ތައްޔާރުވަމުންދާކަމަށް އޭނާ ހާމަކުރިއެވެ.
މީގެ އިތުރުން، ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ރައްޒާގު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ