ޣައްޒާގައި އިސްރާއީލް ހިންގާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން ސްލޮވީނިއާއިން އިސްރާއީލާއެކު ކުރާ ހަތިޔާރުގެ އެންމެހައި މުޢާމަލާތްތައް ހުއްޓާލައިފިއެވެ. މިއީ ޔޫރަޕުގެ އިއްތިހާދުގެ މެންބަރު ގައުމަކުން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅާ ފުރަތަމަ ފަހަރެވެ.
ސްލޮވީނިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލަށް ހަތިޔާރު ވިއްކުމާއި ގަތުމާއި، އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމުގެ އިތުރުން، ސްލޮވީނިއާގެ ސަރަހައްދު މެދުވެރިކޮށް ހަތިޔާރު ޓްރާންސިޓް ކުރުން ވެސް މަނާކުރާ ކަމަށެވެ.
ޣައްޒާގައި އާންމުން އިންސާނީ އެހީތެރިކަމުން މަހުރޫމު ކުރެވި، ނިޒާމީ ގޮތުން މީހުން މަރުވަމުންދާތީ، ޒިންމާދާރު ބައިނަލްއަޤްވާމީ ގައުމެއްގެ ގޮތުން މި ފިޔަވަޅު އެޅުން ލާޒިމު ކަމަށް ސްލޮވީނިއާއިން ދެކެއެވެ. ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުގެ މެދުގައި މި މައްސަލައިގައި އެއްބަސްވުމަކަށް އައިސްފައި ނުވާތީ، އަމިއްލައަށް އިސްނަގައިގެން މި ފިޔަވަޅު އެޅީ ކަމަށް ވެސް އެގައުމުން ވިދާޅުވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށުނު ފަހުން، ސްލޮވީނިއާއިން އިސްރާއީލަށް އަސްކަރީ ސާމާނު އެކްސްޕޯޓް ކުރުމުގެ އެއްވެސް ހުއްދައެއް ދޫކޮށްފައި ނުވާ ކަމަށް ސަރުކާރުން ބުނެއެވެ.
ސްލޮވީނިއާއަކީ އިސްރާއީލުގެ ޢަމަލުތަކާ ދެކޮޅަށް ހަރުދަނާ މަޤާމެއް ނަގަމުން އަންނަ ގައުމެކެވެ. މިދިޔަ ޖޫން މަހު އަޔަލޭންޑް، ނޯވޭ އަދި ސްޕެއިންއާއެކު ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމުގެ އިތުރުން، ޖުލައި މަހު އިސްރާއީލުގެ ހަރުކަށި ސިޔާސަތުގެ ދެ ވަޒީރަކު އެގައުމަށް ވަނުން މަނާކޮށް، ޔޫރަޕުގެ އިއްތިހާދުގެ ތެރެއިން އެފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމަށް ވެސް ސްލޮވީނިއާ ވެފައިވެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 60،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ އިރު، ލައްކައަކަށް ވުރެ ގިނަ މީހުންނަށް އެކި ދަރަޖައިގެ އަނިޔާތައް ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ