ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދުންފަތުގެ ބާވަތްތައް ވިއްކުމަށް 209 ފަރާތަކަށް ލައިސަންސް ދޫކޮށްފިއެވެ. މި ލައިސަންސްތަކަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދޫކުރާ ލައިސަންސްތަކެވެ.
އެޗްޕީއޭގެ މަޢުލޫމާތު ދައްކާގޮތުން ދުންފަތުގެ ވިޔަފާރިކުރުމަށް ލައިސަންސް ހޯދަން ކަނޑައެޅި މުއްދަތުގައި ޖުމްލަ 767 ފަރާތަކުން ހުށަހެޅުން ލިބިފައިވެއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ކެފޭތަކާއި ރެސްޓޯރަންޓްތައްވެސް ހިމެނެއެވެ.
ހުށަހެޅި ފޯމުތަކުގެ ތެރެއިން 652 ފޯމުގެ ވެރިފިކޭޝަން ނިމިފައިވާއިރު، ޝަރުތު ފުރިހަމަނުވުމުގެ ސަބަބުން 244 ފޯމު ބާތިލުކުރަން ޖެހިފައިވެއެވެ. މީގެ އިތުރުން އިސްލާހުކުރަންޖެހޭ ކަންތައްތައް ހުރުމުން 177 ފަރާތެއްގެ ފޯމު މަޑުޖައްސާލާފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.
ލައިސަންސަށް އެދި ހުށަހެޅި ފަރާތްތަކުގެ ތަފްސީލަށް ބަލާއިރު، ސިނގިރޭޓު ވިއްކުމަށް 608 ފަރާތަކުން އެދިފައިވެއެވެ. ޓޮބޭކޯގެ އާ އުފެއްދުންތައް ވިއްކުމަށް 15 ފަރާތަކުން އެދިފައިވާއިރު، ޓޮބޭކޯ އެތެރެކުރުމަށް 28 ފަރާތަކުން އެދިފައިވެއެވެ. އަދި ޓޮބޭކޯ ރީ-އެކްސްޕޯޓު ކުރުމުގެ ލައިސަންސަށް އެއް ފަރާތަކުން އެދިފައިވެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތަންފީޒުކުރަން ފެށުމާއެކު، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ޚާއްސަ ހުއްދައެއް ހޯދަން ލާޒިމުވެފައިވެއެވެ. މި ލައިސަންސްތައް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަށް ކަނޑައެޅިފައިވާ ފީއެއް ދެއްކުމުންނެވެ.
ލައިސަންސް ފީގެ ގޮތުގައި ދުންފަތް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމަށް 5،000 ރުފިޔާ ނެގެއެވެ. ދުންފަތް އިމްޕޯޓުކުރުމާއި ރީ-އެކްސްޕޯޓު ކުރުމަށް 10،000 ރުފިޔާ ނަގާއިރު، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ދުންފަތް ބޭނުންކުރުމުގެ ހުއްދައަށް 10،000 ރުފިޔާ ދައްކަންޖެހެއެވެ.
ލައިސަންސްގެ މުއްދަތު ހަމަވުމުން އާކުރަން ބޭނުންވާ ފަރާތްތަކުން، މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެކަމަށް އެޗްޕީއޭއިން އަންގާފައިވެއެވެ.
ކޮމެންޓު ފޮނުވާ